މިލިޓެންޓް އިސްލާމިސްޓް ގްރޫޕް 'ބޯކޯ ހަރަމް' ގެ ފަރާތުން ސަލާމަތްވުމަށްޓަކައި ރެފިއުޖީ ކޭމްޕްތަކުގައި ތިބޭ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގެ ތަހުޤީގެއް ކުރުމަށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އަމުރު ކުރައްވައިފިއެވެ.
ބުހާރީގެ އޮފީހުން ބުނީ އެމަނިކުފާނު ވަނީ އެ ތުހުމަތުތަކާއިމެދު ވަރަށް ހައިރާންވެވަޑައިގެންފައި ކަމަށެވެ. އެ ތުހުމަތުތައް ކޮށްފައިވަނީ ކެމްޕެއިން ގްރޫޕެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު)އިން ނެރުނު ރިޕޯޓެއްގައެވެ. ބުހާރީވަނީ ފުލުހުންގެ ޗީފްއާއި ސަރުކާރުގެ ގަވަރުނަރުންނަށް ވަގުތުން ވަގުތަށް އެކަމާއިބެހޭ ތަހުޤީގެއް ކުރުމަށް އަމުރު ކުރައްވާފައެވެ.
އެޗްއާރްޑަބްލިއު އިން ބުނީ އެ ޖަމިއްޔާއިން ވަނީ ސެކިއުރިޓީ އޮފިޝަލުންނާއި އަމިއްލައަށް އުފެދިފައިވާ ގްރޫޕްތަކުން ރޭޕްކޮށް އަދި ޖިންސީ ގޯނާ ކޮށްފައިވާ 43 މީހުންނާއި ވާހަކަ ދައްކާފައި ކަމަށެވެ.
އެކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި މިހާތަނަށް 20،000 މީހުން މަރުވެ، ދެ މިލިއަންއަށްވުރެ ގިނަ މީހުން ވަނީ ގެދޮރުނެތިފައެވެ.
ގެއިން ނުކުތުމަށް މަޖުބޫރު ކުރެވުނު ގިނަމީހުން ވަނީ ބޯނޯގެ ސްޓޭޓްގެ ވެރިރަށް މައައިޑުގޫރީ ވަށައިގެންވާ ކޭމްޕްތަކަށް ބަދަލުވެފައެވެ.
އެޗްއާރްޑަބްލިއުގެ ރިޕޯޓްގައިވާ ގޮތުން އޭގެތެރެއިން ގިނަ ބައަކަށް ވަނީ އެ ކޭމްޕްތަކުގައި ގޯނާ ކުރެވިފައެވެ.
ބައެއް މީހުން ބުނާގޮތުގައި އެމީހުންނަށް ވަނީ ޖިންސީގުޅުން ހިންގުމަށް މަޖުބޫރު ކުރެވިފައެވެ. އަދި އެމީހުން ބަނޑުބޮޑުވުމުން އެމީހުންނަށް ގޯނާ މީހުން އެމީހުން ދޫކޮށްލާ ކަމަށެވެ.