މަޝްހޫރު ޓޯކް ޝޯކަމަށްވާ "ދަ އޯޕްރާ ވިންފްރީ ޝޯ"ގެ ހުށައެޅުންތެރިޔާ އޯޕްރާ ވިންފްރީ "ފުޑް، ހެލްތު އެންޑް ހެޕިނެސް: 115 އޮން-ޕޮއިންޓް ރެސިޕީސް ފޯ ގްރޭޓް މީލްސް އެންޑް އަ ބެޓާ ލައިފް"ގެ ނަމުގައި ކުކްބުކްއެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
62 އަހަރުގެ އޯޕްރާ އަމިއްލައަށް ލިޔެފައިވާ ރެސިޕީތައް ހިމެނޭ އެފޮތް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ 2017 ވަނަ އަހަރުގެ ޖެނުއަރީ 3 ގައެވެ.
"އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަންނަކީ ދިރިއުޅުން އިތުރަށް ރަނގަޅުކޮށްދޭފަދަ ކަންކަން ހިއްސާކުރަން ބޭނުންވާ މީހުން"، އޮންލައިން ނޫސް 'ޕީޕަލް'އަށް ދިން އިންޓަވިއުއެއްގައި އޯޕްރާ ބުންޏެވެ.
"އަހަންނަށް ބޭނުންތެރި، އަރާމާއި އުފާ ގެނެސްދޭ ކަމެއް ފެންނައިރަށް އަހަރެން ބޭނުންވަނީ އެހެންމީ ހުންނަށްވެސް އެކަމެއް އެނގި، އެކަމަކުން ފައިދާ ލިބިގަންނަން. އެއީ މި ކުކްބުކްވެސް އުފެދުނު ގޮތް. އެއީ އަހަރެންގެ ދިރިއުޅުމުގެ ވާހަކަ – އަހަންނަށް ދަސްވި ހުރިހާ ފިލާވަޅެއް، ހޯދުނު ކަންތައްތައް – ކާއެއްޗެހީގެ ޒަރިއްޔާއިން ބުނެދީފައި"، އޭނާ އިތުރަށް ބުންޏެވެ.
ޓާކީ ޗިލީ، އެސްޕެރެގަސް، ޕެސްޓޯ، ކިއޯޑް އޮލިވް އަދި ޗިލިއަން ސީ ބޭސް ވިތު ލެމަން ފެނެލް ޗަޓްނީގެ ރެސިޕީތަކަކީ އެ ކުކްބުކްގައި ހިމެނިގެންވާނެ ބައެއް ރެސިޕީތަކެވެ.