Last Updated: July 1, 18:38
Wednesday, July 1, 2026
ޚަބަރު

އިންޑިއާގެ މަޝްހޫރު ސިންގާ "ރާމް" މަރުވެއްޖެ

ފޮޓޯ: ސަންދީޕް ކުމާރު

އިންޑިއާގެ އެންމެ އުމުރުން ދުވަސްވީ އަދި އެންމެ ދުވަސްވީ ސިންގާ، މުސްކުޅި ބަލީގެ ސަބަބުން މަރުވެއްޖެ ކަމަށް ޖަންގަލީގެ އޮފިޝަލުން ބީބީސީއަށް މަޢުލޫމާތު ދީފިއެވެ.

ރާމް މަރުވެފައި އޮތްވާ ފެނުނީ ހޮނިހިރު ދުވަހު ކަމަށް ހުޅަނގު ގުޖުރާތުގެ ޖިރް ސެންކްޗުއަރީގެ އޮފިޝަލުން ބުންޏެވެ. މަރުވިއިރު ރާމްގެ އުމުރަކީ 15 އަހަރުކަމަށް ލަފާކުރެވެއެވެ.

ޖަންގަލީގެ އޮފިޝަލުން ރާމް ސިފަކޮށްފައިވަނީ ވަރަށް ރީތި، ހިތް އަތުލައިގަންނަ ގޮތެއް ހުންނަ ސިންގާއެއް ކަމަށާއި އަދި އެއީ އެންމެ ގިނައިން ފޮޓޯ ނެގިފައިވާ ސިންގާ ކަމަށްވެސް މެއެވެ.

ޖިރް ސެންކްޗުއަރީ އަކީ 500 އަށްވުރެ ގިނަ ސިންގާއިން ދިރިއުޅޭ ތަނެއްގެ އިތުރުން، މުޅި ދުނިޔޭގައިވެސް އޭޝިއަޓިކް ސިންގާއިން އުޅޭ ހަމައެކަނި ތަނެވެ.

ރާމް އާއި އޭނާގެ ބޭބެ ޝާމްއަކީ ޖިރް ޖަންގަލީގައި ރަސްކަން ކުރަމުން އައި ވަރަށް މަޝްހޫރު ދެ ސިންގާއެވެ.

"މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އަހަރެމެން އޭނަގެ ޕޯސްޓް މޯޓެމް ހެދިމް. އޭނާ މަރުވީ ޤުދުރަތީ ސަބަބުތަކަކުން. އޭނާ އަންދާލެވުނީ ސަރުކާރާއި ދޭސީ އޮފިޝަލުންގެ ކުރިމަތީގައި"، ޖަންގަލިތަކުގެ ޑެޕިއުޓީ ކޮންޒަވޭޓާ ރާމް ރަތަން ނާލާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނާލާ ބުނީ ރާމްއަކީ އަވަށްޓެރި ސަރަހައްދުތަކުގެ މީހުންގެ ލޯބި ލިބިފައިވާ ސިންގާއެއް ކަމަށާއި، ރާމް މަރުވުމުގެ ހިތާމައިގައި ޖަންގަލީގެ މުވައްޒަފުން އެއް ދުވަހުގެ ރޯދައެއް ހިފިކަމަށެވެ.

"ރާމް އާއި އޭނާގެ ބޭބެ ޝާމް އެތައް އަހަރުތަކެއް ވަންދެން ޖިރްގައި ރަސްކަން ކުރި އަދި ދެމީހުން އެކުގައި އެތައް ކުޑަ ސިންގާތަށް އުފަންކުރި. އެއްހިސާބަކުން އެ ދެސިންގާއިންގެ އާއިލާގައި ދެ ޑަޒަން ކުޑަ ސިންގާއިން ތިބި"، ނާލާގެ ކުރިން އެ މަޤާމުގައި ހުރި ސަންދީޕް ކުމާރު ބީބީސީއަށް މަޢުލޫމާތު ދިނެވެ.

އެ ދެސިންގާއިންނަށް ރާމްއާއި ޝާމްގެ ނަމުން ނަން ދިނީ ޖަންގަލީގެ މުވައްޒަފުންނެވެ. އެއީ އިންޑިއާގައި ވަރަށް މަޝްހޫރު ދެނަމަށް ވުމުގެ އިތުރުން، ބޮލީވުޑްގެ ހިޓް ފިލްމަކަށްވެސް ކިޔާ ނަމެކެވެ.

މިނިކާވަގަކީ އެއެއްޗެހީގެ ސަރަހައްދުތައް އެހެން ފިރިހެން މިނިކާވަގުންނާއި ހިއްސާކުރާ ޖަނަވާރެއް ނޫނެވެ. އެއާއި ޚިލާފަށް ސިންގާއިންނަކީ އާންމު ގޮތެއްގައި އާއިލާގެ އެހެން ފިރިހެން މެމްބަރަކާއި ކޯލިޝަން ހަދައިގެން އެކުގައި އެމީހުންގެ ސަރަހައްދު ހިމާޔަތްކުރާ ޖަނަވާރެއް ކަމަށް ކުމާރު ބުންޏެވެ.

"އެކަމަކު ކޮންމެ ރަސްކަމަކަށްވެސް ނިމުމެއް އަންނާނެ. މިހާރު ރާމް މަރުވުމުންނާއި ޝާމް މުސްކުޅިވަމުންދާތީ، ޝާމްއަށް އޭނާގެ ސަރަހައްދު ހިމާޔަތްކުރަން ވަރަށް އުނދަގޫވާނެ. އަދި އެމީހުންގެ ސަރަހައްދު ވަރަށް އަވަހަށް ކުޑަ ފިރިހެން ސިންގާތައް ނަގާނެ"، އޭނާ އިތުރަށް ބުންޏެވެ.