އަށާވީސް އަހަރުގެ އަންހެނަކު އޭނާގެ ފިރިމީހާއާއިއެކު ގެއެއް ބެލުމަށްޓަކައި ނިކުމެ އުޅެނިކޮށް، މުމްބާއީގެ އެމްބޯލީ ސަރަހައްދުގައި އޭނާ ރޭޕްކޮށްފިއެވެ.
އެމައްސަލައިގައި ހަތް މީހުން ވަނީ އަންގާރަ ދުވަހު ހައްޔަރު ކުރެވިފައެވެ. އަދި އިތުރު އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭކަމަށް ފުލުހުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެއަންހެން މީހާއާއި އޭނާގެ ފިރިމީހާ ގެއެއް ހޯދަން އުޅުނީ ޝަމްނާގަރް ސަރަހައްދުންނެވެ. އަދި އެހިސާބުގައި އުޅޭ އެހެން އަންހެނަކު އެދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނެވެ. ހޯމަ ދުވަހުގެ ރޭ، ރޭޕްކުރެވުނު އަންހެން މީހާއާއި އޭނާގެ ފިރިހެނުން އެހީވި އަންހެން މީހާގެ ގޭގައި ރޭހޭދަކުރިއެވެ. އަދި ހަމަ އެރޭ ތުހުމަތު ކުރެވުނު އަށް މީހުން ވަނީ އޭނާ ރޭޕްކޮށްފައެވެ. ތުހުމަތު ކުރެވުނު އަށް މީހުންނަކީވެސް އެސަރަހައްދުގައި އުޅޭ މީހުންކަން ވަނީ އެނގިފައެވެ.
"އެހާދިސާއަށްފަހު، އަންހެން މީހާއާއި އޭނާގެ ފިރިހެނުން އެމްބޯލީ ޕޮލިސް ސްޓޭޝަންއަށް ގޮސް ޝަކުވާކުރި. ފުލުހުން ވަނީ އަށް މީހުންނާއި ޚިލާފަށް މައްސަލައެއް ރަޖިސްޓްރީކޮށްފައި. އޭގެތެރެއިން އެކަކީ ކުރީގައިވެސް ކްރިމިނަލް ރެކޯޑްތައް އޮންނަ މީހެއް"، މުމްބާއީ ފުލުހުންގެ ތަރުޖަމާނު ޑީސީޕީ އަޝޯކް ޑުދޭ ބުންޏެވެ.
ހައްޔަރު ކުރެވުނު ހަތް މީހުން ވަނީ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރެވި، ފުލުހުން ބެލުމުގެ ދަށުގައި ނޮވެމްބަރު މަހުގެ 4 އާއި ހަމައަށް ބެހެއްޓުމަށް ހުކުމްކޮށްފައެވެ.
މިހާދިސާގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކުރެވިފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.