Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ވޯލްޑް ކަޕް ޓޮޕް ސްކޯރާ ކްލޯސާ ރިޓަޔާކޮށްފި

ޖަރުމަނުވިލާތުގެ ފޯވާޑް އަދި ވޯލްޑު ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ މިރޮސްލަވް ކްލޯސާ އޭނާގެ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެނެސްފިއެވެ.

މިދިޔަ ވޯލްޑް ކަޕު ކާމިޔާބުކުރުމަށް ޖަރުމަނު ޓީމަށް އެހީތެރިވެދީފައިވާ ކްލޯސާ ވަނީ މުބާރާތަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ. ރިކޯޑު 16 ގޯލު އޭނާގެ ނަމުގައި ވޯލްޑް ކަޕު ތާރީޚުގައި ލިޔެވިފައިވާއިރު ކްލޯސާ ވަނީ އޭނާގެ އެންމެ ފަހުގެ ޓީމު ލާޒިއޯގެ ކޮންޓްރެކްޓު ހަމަވުމުން ޓީމެއް ނެތިފައެވެ.

ޕްރޮފެޝަނަލް ކެރިއަރު ނިންމާލުމަށްފަހު އޭނާގެ ގައުމީ ޓީމު ޖަރުމަނުގެ ކޯޗިންގ ސްޓާފުންގެ ލިސްޓަށް ކްލޯސާގެ ނަން އިތުރު ކޮށްފައިވާނެ ކަމަށް ކޯޗު ޖޮކެހިމް ލޯ ވަނީ ބުނެފައެވެ.

"ކުޅުންތެރިންނެކޭ އެއްފަދައިން އަހަރެންވެސް މިހިރީ ކްލޯސާ އާ އެއްކޮށް މަސައްކަތް ކުރުމަށް ކެތް މަދުވެފައި. އޭނާ އަކީ ކުޅުނު ދުވަސްވަރުވެސް އަހުލާގު ރަނގަޅު ޕްރޮފެޝަނަލް ވިސްނުމެއްގައި ކުޅުނު ކުޅުންތެރިޔެއް" ލޯ ބުނެފައިވެއެވެ.

ގައުމީ ޓީމަށް 71 ލަނޑު ކާމިޔާބުކޮށްދީފައިވާ ކްލޯސާ އަކީ ޖަރުމަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ.

ކްލޯސާގެ އިތުރުން ކެޕްޓަން ލާމް، މާޓަސެކާ އަދި ޝްވެއިންސްޓެއިގާވެސް ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ. ހަތަރު ކުޅުންތެރިންނަކީވެސް 2014 ވަނަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ހޯދުމަށް މުހިއްމު ރޯލެއް އަދާ ކުރި ކުޅުންތެރިންނެވެ.