އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމަށް ހަމަޖެހިފައިވާ ސްރީލަންކަންގެ ޓިކެޓް އޮފީހެއް ފޭދޫގައި މިއަދު ހުޅުވައިފިއެވެ.
ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް "އޭސް ޓްރެވެލް"ގެ މި އޮފީސް ފޭދޫގައި ހުޅުއްވައިދިނީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަރަދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުއް ލަޠީފް އަލީއެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި، އަބްދުއް ލަޠީފް ވިދާޅުވީ، މިއަދަކީ އައްޑޫގެ ރައްޔިތުންނަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެކޭ، މިހެން މިދެންނެވީ މިއަދަކީ ރަސްމީކޮށް، އައްޑޫގައި ޝެޑިއުލް ފްލައިޓެއް ފެށުމަށް ރަސްމީކޮށް އޮފީހެއް ހުޅުވި ހިދްމަތް ލިބެން ފަށާ ދުވަސް"
އަބްދުއް ލަޠީފް ވިދާޅުވީ ސްރީލަންކަންގެ ދަތުރު ފެށުމުން އައްޑޫގެ ފަތުރުވެރިކަން ކުރިއަރައި، އިތުރު ތަރައްޤީތައް ލިބިގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ، ސްރީލަންކަންގެ ދަތުރުތައް ފެށުމަކީ އެތައް ބައެއްގެ އެތައް ދުވަހެއްގެ މަސައްކަތުން ކާމިޔާބް ކުރެވުނު ކަމެއް ކަމަށެވެ. އަދި މިކަމަކީ ނުވާނެ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޖޯކު ޖެހިކަމަށްވެސް ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް ފެށުމާއި ގުޅިގެން، އައްޑޫ ފުވައްމުލައް ސިޓީ، އަދި ހުވަދޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ފޭދޫގައި މިއަދު ހުޅުވި އޮފީހުން މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. އެގޮތުން ހާއްސަ ފެއާއެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ގަމުން ދަތުރުކުރާ ކޮންމެ ޓިކެޓަކަށް 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި މުއްދަތުގައި ނަގާ ޓިކެޓް ތަކުގައި އަންނަ މާޗް މަހުގެ ނިޔަލަށް ދަތުރު ކުރެވޭނެކަމަށް އޭސް ޓްރެވަލްއިން ވަނީ ބުނެފައެވެ.
ހަފްތާއަކު ހަތަރު ފްލައިޓް ބޭއްވުމަށް ނިންމާފައިވާ އިރު، ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމާގައި ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.