Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ގުންޑޯގަންގެ ދެ ގޯލާއެކު ބާސާގެ މައްޗަށް ސިޓީގެ ފުރިހަމަ މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަދި ބާސެލޯނާ ބައްދަލުކުރި ދެވަނަ މެޗު އަމިއްލަ ދަނޑުގައި ފަހަތުން އަރައި ތިން ގޯލު ޖަހައިގެން ސިޓީ ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ލެގު ސްޕެއިންގައި ކުޅުނުއިރު ބާސާ ވަނީ 0-4 ގެ ބޮޑު ނަތީޖާއަކުން ސިޓީ ގެ މައްޗަށް ކުރި ހޯދާފައެވެ. ރޭގެ މެޗުގައިވެސް ބާސާ ވަނީ ފުރަތަމަ ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. 21 ވަނަ މިނެޓުގައި ކައުންޓާ އެޓޭކުގައި ނިކުމެ ނޭމާ މެދު ތެރެއިން މެސީއަށް ދިން ބޯޅަ އޭނާ ވަނީ އެއްވެސް ދަތި ކަމެއް ނެތި ޑިފެންޑަރު ކައިރިން ނައްޓުވާލައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެސީގެ ގޯލުގެ ކުރިން، މެޗުގެ 11 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގ ޕެނަލްޓީ އޭރިޔާ ތެރެއިން ބާސާ ޑިފެންޑަރު އުމްޓިޓީ ވައްޓާލާފައިވާއިރު ރެފްރީ ކަސައި ވަނީ އޭނާ ގަސްތުގައި ޑައިވް ކުރިކަމަށް ނިންމައި ރީނދޫ ކާޑު ދައްކާފައެވެ.

ސިޓީ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައިވަނީ 39 ވަނަ މިނެޓުގައި އިކޭ ގުންޑޯގަންއެވެ. އޭނާގެ ގޯލަށް ފަހު ބާސާ އިން ކުޅުނު ބޯޅައެއްގައި މެސީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ސިޓީ ޑިފެންޑަރުން ވަނީ އޭނާ ވައްޓާލާފައެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ޕެނަލްޓީ އެއް ނޫން ކަމަށް ނިންމައި ކުޅުން ކުރިއަށް ގެންގޮސްފައެވެ.

މެޗުގެ ދެވަނަ ހާފަށް ސިޓީ ނިކުމެފައިވަނީ މުޅީން އާ އަޒުމެއްގައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފާ ހިލާފަށް ސިޓީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. 51 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ކެވިން ޑި ބްރުއޭނާ ވަނީ ގޯލަކަށް ހަދާފައެވެ. ޑި ބްރުއޭނާގެ މިގޯލަށް ފަހު ސިޓީ ކުޅުންތެރިންނަށް ޚާއްސަ ހިތްވަރެއް ލިބި މެޗުގެ ނަތީޖާ ފުޅާ ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން 74 ވަނަ މިނެޓުގައި އިކޭ ގުންޑޯގަން ވަނީ މެޗުގައި ދެވަަނަ ފަހަރަށް ގޯލު ޖަހައި ނަތީޖާ 1-3 އަށް ފުޅާ ކޮށްފައެވެ. މެޗުން މޮޅުވުމަށްފަހު ސިޓީގެ ކޯޗު އަދި ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ އޭނާގެ ކުޅުންތެރިންނާމެދު ވަރަށް ފަހުރުވެރި ވާ ކަމަށާއި މިއީ އޭނާގެ ޓީމު ދުނިޔޭގެ އެއްވަނަ ޓީމު ބަލިކުރި ފުރަތަމަ ފަހަރަށް ވާތީ އޭނާއަށްވެސް ހާއްސަ އުފަލެއް ލިބޭ ކަމަށެވެ.

މެޗުން ބަލިވުމަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ފުރަތަމަ 40 މިނެޓަކީ އޭނާގެ ޓީމު މިފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުނު އެންމެ ރަނގަޅު ކުޅުން ކަމަށެވެ. ނަމަވެސް ގޯސްތަކެއް ހެދި ޕޮސެޝަން ގެއްލި ގޭމް ކޮންޓްރޯލް ނުވުމުން ބަލިވީ ކަމަށްވެސް އެންރީކޭ ވަނީ ބުނެފައެވެ.

މެޗުން ސިޓީ މޮޅުވެފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ބާސެލޯނާ އިނގިރޭސި 7 ޓީމު ޖެހިޖެހިގެން ބަލިކުރުމަށްފަހުގައެވެ. މިމޮޅާއެކު ސިޓީ އޮތީ ގްރޫޕުގެ ދެވަނައިގައެވެ. އެއްވަނައިގައި އަދިވެސް 9 ޕޮއިންޓާއެކު އޮތީ ބާސާއެވެ. މިގްރޫޕުގައި ރޭ ބޮރޫޝިއާ މޮންޣްލަބާޗް އަދި ސެލްޓިކް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެ ސެލްޓިކް ވަނީ މުބާރާތުން ކަޓާފައެވެ. މިމަހުގެ 23 ވަނަ ދުވަހު މޮންޣްލަބާޗް އާދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީ ދެވަނަ ބުރަށް ކޮލިފައިވާނެއެވެ.