Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

"އަސްލު" ޖަލްސާ އަށް މީހުން ހޯދަން އަންގައިފި

އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް ޔާމީން ފެކްޝަނުން ބާއްވާ ޖަލްސާއަށް މެމްބަރުން ހޯދުމަށް އަންގައިފިއެވެ.

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ބާއްވާ ޖަލްސާ އަކީ "އަސްލު" ޕީޕީއެމް ދައްކާލުމަށް ބާއްވާ ޖަލްސާއެއް ކަމަށް ޔާމީން ފެކްޝަނުން ވަނީ ބުނެފައެވެ. މިޖަލްސާއިން ގިނަ މެމްބަރުން ދެއްކުމަށް ސަރުކާރާއި، ސަރުކާރާއި ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ވަނީ އަންގާފައެވެ. އެގޮތުން ޖަލްސާއަށް އަންނަން ބޭނުންވާ ފަރާތްތަކާއި، ޖަލްސާއަށް ގެނެވިދާނެ މީހުންގެ ޖުމްލަ އެނގޭނެ ލިސްޓް ތައްޔާރުކުރުމަށް ވަނީ އަންގާފައެވެ.

ހުކުރު ދުވަހުގެ ރޭގެ ޖަލްސާއަށް މީހުން ގެނައުމުގެ ހަރަދުދޭން ވެސް ޔާމީން ފެކްޝަނުން ވަނީ ހަމަޖައްސާފައެވެ.

ޕީޕީއެމް ދެ ފަޅިވެފައިވާ އިރު، އާއްމު މެމްބަރުންގެ ބޮޑު ތާއިދެއް އޮތީ ޕާޓީގެ ރައީސް މައުމޫންއަށެވެ. ޔާމީންއަށް ތާއިދުކުރައްވާކަން ދައްކައިގެން ތިއްބެވި ބައެއް ފަރާތްތަކުންވެސް "އަސްލު" ތާއިދު ކުރަނީ މައުމޫން ފެކްޝަނަށްކަމަށް މައުމޫން ފެކްޝަނުން ބުނެއެވެ.

މީގެ ކުރިންވެސް ޕީޕީއެމްއިން ބޭއްވި ޖަލްސާތަަކަށް ހާޒިރީ މާކް ކޮށް، ސަރުކަރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްްޒަފުން ވަނީ ގެނެސްފައެވެ.