ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އަދި ލުޑޮގްރެޓުސް އަދި ޕީއެސްޖީ އާއި ބޭސެލް ބައްދަލުކުރި މެޗު އާސެނަލް އަދި ޕީއެސްޖީ ކާމިޔާބުކޮށް އެއްވަނަ ހޯދުމަށް ދެޓީމުން ކުރާ ހިތްވަރު އާކޮށްފި އެވެ.
މީގެ އިތުރުން ގްރޫޕު ޑީ ގައި ކުޅުނު ދެމެޗު އެތްލެޓިކޯ މެޑްރިޑާއި ބެޔާން މިއުނިކްވެސް ރޭގައި ވަނީ ކާމިޔާބުކޮށްފައެވެ. އެތްލެޓިކޯ މެޑްރިޑް އެފްސީ ރޮސްޓޯވްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-2 އިންނެވެ. ބެޔާން މިއުނިކް ޕީއެސްވީ އެއިންދްހޯވަން ބަލިކޮށްފައިވަނީވެސް 1-2 އިންނެވެ.
ގްރޫޕް އޭގައި އާސެނަލް އަދި ލުޑޮގްރަޓަސް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން 2-3 އިންނެވެ. މެޗުގެ ފުރަތަމަ 15 މިނެޓުތެރޭ ލުޑޮގްރަޓަސް ވަނީ ދެ ގޯލު ޖަހައި ގިނަ ބަޔަކު ހައިރާންކޮށްފައެވެ. ޖޯނަތަން ކަފޫގެ 12 ވަނަ މިނެޓުގެ ލީޑު ފުޅާކޮށްފައިވަނީ 15 ވަނަ މިނެޓުގައި ކްލައުޑިއޯ ކެސެރޯއެވެ.
އާސެނަލްގެ ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި ޖަހާދީފައިވަނީ މިޑްފީލްޑަރު ޖަކާއެވެ. ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 42 ވަނަ މިނެޓުގައި އޮލިވިއާ ޖިރޫޑެވެ. މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ފޯމު ހިފަހައްޓައި މެޗުން މޮޅުކޮށްދީފައިވަނީ އޮޒިލްއެވެ.
ގްރޫޕުގައި ޕީއެސްޖީ އަދި ބޭސެލް ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު 43 ވަނަ މިނެޓުގައި ޖަހާފައިވަނީ މަޓުއީޑީއެވެ. އޭނާގެ ގޯލު އެއްވަރުކޮށްފައިވަނީ ބޭސެލްގެ ލޫކާ ޒޫފީ 76 ވަނަ މިނެޓުގައި ޖެހި ގޯލަކާއެކުގައެވެ. ޕީއެސްޖީއަށް މެޗުން މޮޅުވެފައިވަނީ 90 ވަނަ މިނެޓުގައި ތޯމަސް މިއުނިއާ ޖެހި ގޯލަކާއެކުގައެވެ.
ގްރޫޕުގެ ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 10 ޕޮއިންޓާއެކު ގޯލުގެ ތަފާތުންނެވެ. ޕީއެސްޖީއަށްވެސް 10 ޕޮއިންޓު ލިބިފައިވާއިރު ލުޑޮގްރެޓްސް އަދި ބޭސެލްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ގްރޫޕު ޑީ ގައި އެތްލެޓިކޯ މެޑްރިޑްގެ ގްރީޒްމެން 29 ވަނަ މިނެޓުގައި ނަގައިދިން ލީޑު ރޮސްޓޮވް އިން ވަނީ 30 ވަނަ މިނެޓުގައި ގޯލު ޖަހައި އެއްވަރުކޮށްފައެވެ. މެޗުން އެތްލެޓިކޯ މޮޅުވެފައިވަނީ 90 ވަނަ މިނެޓުގައި ގްރީޒްމެން ދެވަނަ ފަހަރަށް ގޯލު ޖަހައިގެންނެވެ.
ބެޔާން މިއުނިކާއި ޕީއެސްވީ ބައްދަލުކުރި މެޗުވެސް ހަނިގޮތަކަށް ބެޔާން ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ޖަހާފައިވަނީވެސް ޕީއެސްވީ އިންނެވެ. ސަންޓިއާގޯ އަރިއަސް ޖެހި ގޯލު އެއްވަރު ވެފައިވަނީ 34 ވަނަ މިނެޓުގައި ލެވަންޑޮސްކީ ޖެހި ގޯލަކުންނެވެ. މެޗުން ބެޔާން މޮޅުވެފައިވަނީ 74 ވަނަ މިނެޓުގައި ލެވަންޑޮސްކީގެ ދެވަނަ ގޯލުންނެވެ.