ސައުދި އަރަބިއާގެ ރަސްކަންކުރާ އާއިލާގެ ރަސްދަރިކަލެއްގެ ގައިގައި ޖިއްދާގެ ޖަލެއްގައި ހައްދުޖަހައިފި ކަމަށް ސައުދީ ނޫހަކުން ރިޕޯޓްކޮށްފިއެވެ.
އެއީ ސައުދި އަރަބިއާއިން މީހަކު މެރުމުގެ ކުށުގައި އެހެން ރަސްދަރިކަލަކު މަރާލިތާ އެއްމަސްވެސް ނުވަނީސްއެވެ.
އޯކަޒް ނުހުގައި ޝާއިރުކޮށްފައިވާ ރިޕޯޓްގައި ރަސްދަރިކަލުންގެ ގައިގައި ހައްދު ޖެހީ ކޮން ކުށެއްގެ ކަމުންކަން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ނަން ހާމަކުރެވިފައިނުވާ ރަސްދަރިކަލުންނަށް ޖަލުގެ ހުކުމެއްވެސް އައިސްފައިވާކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ.
ހައްދު ޖަހާފައިވަނީ، ރަސްދަރިކަލުންގެ ސިއްޙަތު ރަނގަޅުތޯ ބެލުމަށް ހޯމަ ދުވަހު ކުރެވުނު މެޑިކަލް ޗެކްއަޕްއަށްފަހު، ފުލުހުންގެ އޮފިޝަލަކު ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އެޤައުމުގެ ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނަކާއި އެކަމާއި ބެހޭގޮތުން ސުވާލުކުރަން ގުޅުމުން ވަނީ، ދިމާވާ ގޮތެއް ނުވެފައެވެ.
ސައުދި އަރަބިއާގައި ވަރަށް ހަރުކަށިކޮށް ވައްހާބީ ސުންނީ މުސްލިމުންގެ ގޮތްތަކަށް އަމަލުކުރަމުން އަންނަ ޤައުމެކެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރިޔާދުގައި ވަނީ ސައުދީ ރައްޔިތަކު މެރުމުގެ ކުށް ސާބިތުވުމުން، އެހެން ރަސްދަރިކަލަކުވެސް މަރާފައެވެ. އެއީ 1970 އަހަރަށްފަހު ރަސްދަރިކަލަކު މަރާލެވުނު އެންމެ ފުރަތަމަ ފަހަރެވެ.
ރަސްދަރިކަލުން ތުރުކީ ބިން ސައުދު އަލް-ކަބީރު ވަނީ، އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުން އާދިލް އަލް-މުހައްމީދު ނަމަކަށް ކިޔާ މީހަކު މެރިކަމަށް އެއްބަސްވެފައި ކަމަށް މިނިސްޓްރީ އޮފް އިންޓީރިއާއިން ބުންޏެވެ. ސައުދީގައި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ޤަބޫލުކުރީ އެއީ އިސްލާމީ ޝަރީޢާގެ ދަށުން އެންމެންނަށްވެސް ހަމަހަމަކަން ލިބިދިން ކަމެއްގެ ގޮތުގައެވެ.