Last Updated: July 1, 17:37
Wednesday, July 1, 2026
ވިޔަފާރި

ސެމްސަންގުން އިތުރު އެއް ބިލިއަން ޑޮލަރު ހޭދަ ކުރަނީ

ފޮޓޯ: ޑިޖިޓަލް ޓްރެންޑްސް

ސިސްޓަމް ޗިޕްސް އުފައްދާ މިންވަރު، އެމެރިކާގެ އޮސްޓިން އަދި ޓެކްސަސްގައި އިތުރު ކުރުމުގެ ގޮތުން، ޖޫން 2017 ގެ ނިޔަލަށް އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ރާވާފައިވާ ކަމަށް ސެމްސަންގް އިލެކްޓްރޯނިކްސް އިން ބުނެފި އެވެ.

އެއީ އޭގެ ޑިމާންޑް އިތުރުވަމުން ދާތީކަމަށް އެކުންފުނިން ބުނެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ޗިޕް އުފަށްދާ ކުންފުނި ކަމަށްވާ ދެކުނު ކޮރެއާގެ ސެމްސަންގްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިންވެސްޓްމެންޓްގެ ސަބަބުން، ސިޓީގައި މިހާރު ހުރި އެކުންފުނީގެ ފިހާރަތކުން މޮބައިލް ފޯންތަކަށާއި އެހެނިހެން ޑިވައިސްތަކަށް ޗިޕް ސަޕްލައިކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސެމްސަންގްއިން ވަނީ 2016 ވަނަ އަހަރުގެ އެކުންފުނީގެ ޖުމްލަ ޚަރަދުތައް 27 ޓްރިލިއަން ވޮން (24 ބިލިއަން ޑޮލަރު) ގެ ރިކޯޑް އަދަދަކަށް މަތިވެގެންދާނެ ކަމަށް ބުނެފައެވެ. އޭގެތެރެއިން 13.2 ޓްރިލިއަން ވޮން ޚަރަދުވާނީ އެކުންފުނީގެ ސެމީކޮންޑަކްޓާ ވިޔާފާރިއަށެވެ.

ސެމްސަންގްގެ ސެމީކޮންޑަކްޓާ ފައިދާތައް މައިގަނޑު ގޮތެއްގައި ލިބެނީ މެމޮރީ ޗިޕްތައް ވިއްކައިގެން ކަމަށްވާއިރު، އެކުންފުނިން ވަނީ އެކުންފުނީގެ އާމްދަނީ އިތުރު ކުރުމަށްޓަކައި އަމިއްލަ މޮބައިލް ޕްރޮސެސާތައް ވިއްކުމުގެ އިތުރުން ކުއަލްކޮމް އިންކްފަދަ ކުންފުނިތަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އޮސްޓިންގައި އެކުންފުނިން ކުރަން ބޭނުންވާ އިންވެސްޓްމެންޓްގެ އިތުރު އެއްވެސް ތަފްސީލެއް ސެމްސަންގްއިން ވަނީ އަދި ހާމަނުކޮށްފައެވެ.