ހުދު ދަތްޕިލައެއް ހޯދަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް، ބައެއް ފަހަރަށް ކެވޭ އެއްޗެއްގެ ސަބަބުން ދަތަށް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. އެގޮތުން ތިރީގައި މިވަނީ ހުދު ދަތްޕިލައެއް ހޯދައި ދެމެހެއްޓުމަށްޓަކައި ދުރުހެލިވާންޖެހޭ ކާބޯތަކެއްޗެއެވެ.
1. ސައި އަދި ކޮފީ

ކޮފީއާއި އަދި ބައެއް ވައްތަރުގެ ސައިފަތުގައި ހުންނަ ޓޭނިކް އެސިޑްތަކުގެ ސަބަބުން ދަތްތަކުގެ އިނޭމަލް ފަށަލަ ހަލާކުވެ، ދަތުގައި ކުލަޖެހޭ ގޮތް ވެއެވެ. މުޅިން އެއްކޮށް ސައި ނުވަތަ ކޮފީ ބުއިން ހުއްޓާނުލެވުނު ކަމުގައިވިޔަސް، ވީހާވެސް މަދުން ބޯން އާދަކުރާށެވެ.
2. ހުތް މޭވާތައް

ލުނބޯ އަދި އޮރެންޖުފަދަ ހުތް މޭވާތަކަކީ ގިނަ އަދަދަކަށް ސިޓްރިކް އެސިޑް އެކުލެވިގެންވާ މޭވާތަކެވެ. އޭގެ ސަބަބުން އިނޭމަލް ފަށަލަ ގިރޭގޮތްވެ، ދަތްތައް ފަނާވެއެވެ. އެހެންކަމުން، މާގިނައިން އެސިޑްތައް ހުންނަ ކާބޯތަކެތި ބޭނުން ނުކުރާށެވެ. އެސިޑް ހުންނަ ކާބޯތަކެތި އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތަކީ، އެއެއްޗެހި ބޭނުންކުރުމުން ދަތުގައި ކުލަޖެހޭތޯ ބެލުމެވެ.
3. ސޯޑާ

ސޯޑާގައި ހަކުރު، އެސިޑްތައް އަދި ކާބޮނޭޝަން އެކުލެވިގެންވެއެވެ. އެއީ ދަތްތައް އަވަހަށް ހަލާކުވުމަށް އެހީވެދޭ އެއްޗެހި ކަމުން، ސޯޑާ ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
4. އަސާރަ

އާންމު ގޮތެއްގައި އަސާރައަކީ ހުރިހާ ދިވެހިންނަށްވެސް ވަރަށް މީރު އަދި ކެއުމުގައި އާދަވެގެން ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް އަސާރައިގައި ހުންނަ ސުޕާ-އެސިޑް ކަމަށްވާ ވިނެގާއާއި ހަކުރަކީ ދަތުގެ އިނޭމަލް ފަށަލަ ހަލާކުކޮށްދޭ އެއްޗެކެވެ.
5. ފޮނި މެޓާ
މެޓާތަކުގެ ތެރެއިންވެސް ޚާއްސަކޮށް ހަރު މެޓަލަކީ އޭގައި ގިނަ އަދަދަކަށް ހަކުރު ހުރުމުގެ ސަބަބުން ދަތުގެ ސިއްޙަތަށް ވަރަށް ގެއްލުންދޭ އެއްޗެކެވެ. އެއީ އޭގެ ސަބަބުން ދަތްތަކުގައި ލޯވަޅުހެދި، އެލޯވަޅުތަކުގައި އިތުރު ބެކްޓީރިއާ ހަރުލާ ގޮތް ވާތީއެވެ.