"ފްލައި މީ" ގެ ހިދުމަތް ދެމުން އަންނަ ވިލާ އެއާގެ ހަތަރު ވަނަ ބޯޓު އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެ އެއާ ލައިނުން ބުނެފި އެވެ.
ވިލާ އެއާގެ ފްލީޓަށް މި މަހު އިތުރުވާ ތިން ވަނަ ބޯޓާ ހަވާލުވުމަށް ފްރާންސަށް ވަޑައިގަތުމަށް ފަހު، ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ އެއާގެ ފްލީޓަށް އިތުރުވާ ތިން ވަނަ ބޯޓާ ހަވާލުވުމަށް ފަހު މުޅިން އަލަށް ވިލާ އެއާ އަށް ހާއްސަކޮށްގެން ހަތަރު ވަނަ ބޯޓެއް ހެދުމަށް އޯޑަރު ކޮށްފައިވާ ކަމަށެވެ.
އަދި އެއީ އޭޓީއާރު 600-72 މަރުކާގެ އެންމެ ފަހުގެ ބޯޓެއް ކަމަށް ވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ވިލާ އެއާ އިން ގަނެފައިވާ ތިންވަ ނަ ބޯޓަކީވެސް ވިލާ އެއާގެ އޯޑަރަށް އޭޓީއާރުން ހަދާފައިވާ މުޅިން އާ ބޯޓެކެވެ. ގާސިމް ވިދާޅުވީ އެ ބޯޓް މި މަހު ގެނެސް، މި މަހުގެ ތެރޭގައި އެ ބޯޓުން ހިދުމަތް ދެވޭ ވަރުވާނެ ކަމަށެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު ހިންގުން ވިލާ އެއާ އާ ހަވާލުކޮށްފައިވާތީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނީ ސަރުކާރާ އެކު ކުރާ މަޝްވަރާތަކަށް ފަހު ގޮތްތަކެއް ނިމުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ވިލާ އެއާ އިން މާޗް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެ ކުންފުނީގެ "ފްލައި މީ" ގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު، ވިލާ އެއާ އިން ބުނީ ފްލައި މީން ބައިނަލްއަޤުވާމީ ދަތުރައް ފެށުމަކީ ވެސް އެކުންފުނީގެ ތަސައްވުރެއް ކަމަށެވެ.