Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ޓީޗަރުގެ ބައެއް ޑޮލަރު ހޯދައި، މީހަކު ހައްޔަރުކޮށްފި

ސ. އަތޮޅު މަދަރަސާގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރެއްގެ އަތުން ވަގަށް ނެގި 5،900 ޑޮލަރުގެ ތެރެއިން 5،740 ޑޮލަރު ހޯދައި ތުހުމަތު ކުރެވޭ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ފުލުހުންނަށް މި މައްސަލަ ހުށަހެޅުމާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އައްޑޫ އިންޓެލިޖެންސްގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިމައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުން މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 3،600 ޑޮލަރު ފުލުހުން ހޯދާފައި ވަނީ ފަޅު ގޯއްޗެއްގައި ވަޅުލާފައި ވަނިކޮށެވެ. އަދި އަނެއްބައި ފައިސާ ހޯދާފައި ވަނީ އެހެން މީހެއްގެ އަތުގައި ހުއްޓަ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ފައިސާ ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް އައްޑޫގައި ވައްކަން ކުރުން އިތުރުވެފައިވާ އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ވަނީ އައްޑޫއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފަ އެވެ.