މިރޭ ޕީޕީއެމް ޔާމީން ފެކްޝަނުން ބާއްވާ ޖަލްސާއަށް އަމިއްލަ ރަށް ދޫކޮށް މާލެ ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް ލިބުނު ސިޓީ އުރަތަކުގައި ވަނީ އެންމެ 300 ރުފިޔާކަން ހާމަވެއްޖެ އެވެ.
"އައްޑޫ ލައިވް" އަށް މީހަކު ބުނީ އެމީހުން މާލެ ފޭބި ތަނުން ކޮންމެ މީހަކަށް ހުދު ސިޓީ އުރައެއް ލިބިގެން ގޮސް ކެނޑި އިރު އޭގެ ތެރޭގައި އޮތީ އެންމެ 300 ރުފިޔާއެވެ.
އެމީހާ ބުނީ ބައެއް މީހުންގެ ސިޓީ އުރަތަކުގައި 600 ރުފިޔާ އޮތް އިރު އަނެއް ބަޔަކަށް 1500 ރުފިޔާ ލިބުނު ކަމަށެވެ.

ނަމަވެސް އެއީ ކޮން ބަޔަކުދޭ ސިޓީ އުރަތަކެއް ކަން އަދި ވަނީ އޮޅުން ފިލާ ގޮތް ނުވެފައެވެ.
މިރޭގެ ޖަލްސާއަށް އަންނަ ފަރާތްތަކަށް އެކި ކަހަލަ އެލެވެންސް ވަނީ ހަމަޖައްސާފައެވެ. ޖަލްސާއަށް މީހުން މާލެ ގެންދިއުމަށް ބޮޑެތި ބޯޓު ފަހަރު ކުއްޔަށް ނަގާފައިވާ އިރު މޯލްޑިވިއަންގެ ފްލައިޓްތައް ވެސް ވަނީ ޗާޓަރ ކޮށްފައެވެ.
އެގޮތުން މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ވެސް ވަނީ ކުއްޔަށް ހިފާފައެވެ.
މިހާތަނަށް އެކި އަތޮޅުތަކުން ގިނަ ބަޔަކު ވަނީ މިރޭގެ ޖަލްސާއަށް މާލެ އަރާފައެވެ. ޕީޕީއެމް ޔާމީން ފެކްޝަނުން ބުނީ މިވަރުގެ ބޮޑު ޖަލްސާއެއް ދެން އެހެން ބަޔަކަށް ނުބޭއްވޭނެ ކަމަށެވެ.