Last Updated: July 1, 17:37
Wednesday, July 1, 2026
މުނިފޫހިފިލުވުން

މައިކަލް ބުބްލޭގެ ދަރިފުޅަށް ކެންސަރު

ފޮޓޯ: ހެލޯ މެގަޒިން

މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ބުބްލޭއާއި އޭނާގެ އަންހެނުން ލުއިސާނާ ލޮޕިލާތޯގެ ތިން އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ނޯއާއަށް ކެންސަރު ޖެހިއްޖެއެވެ.

ކެނެޑާއަށް އުފަން ލަވަކިޔުނެތެރިޔާ އެވާހަކަ ހިއްސާކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައެވެ. ކޮން ވައްތަރެއްގެ ކެންސަރާއިމެދު އޭނާ އެއްވެސް ތަފްސީލެއް ހާމަނުކުރެއެވެ.

ބުބްލޭ ބުނީ އޭނާއާއި އަންހެނުން މޮޑެލް އަދި އެކްޓްރެސް ލޮޕިލާތޯ، ނޯއާ ރަނގަޅުވުމަށް އެހީވުމަށް ސަމާލުކަން ދިނުމަށްޓަކައި މަސައްކަތާއި ދުރަށް ޖެހިލާ ކަމަށެވެ.

ބުބްލޭ ވަނީ އޭނާގެ އާ އަލްބަމް ޕްރޮމޯޓް ކުރުމަށްޓަކައި ޓީވީއާއި ރޭޑިއޯ ޕްރޮގްރާމްތަކުގައި ދާދިފަހުން ބައިވެރިވެފައެވެ.

"މިހާރު އެމެރިކާގައި ފަރުވާ ހޯދަމުން އަންނަ އަޅުގަނޑުމެންގެ ދޮށީ ފިރިހެން ދަރިފުޅު ނޯއާއަށް ދާދިފަހުން ކެންސަރު ޑައިގްނޯޒް ކުރެވުމުން އަޅުގަނޑުމެންގެ ހިތްތައް ވަނީ ހަލާކުވެފަ. އާއިލާގެ މުހިންމުކަމާއިމެދުއާއި އަޅުގަނޑުމެންގެ ދަރިންދެކެ ވާލޯބީގެ ވާހަކަ އަޅުގަނޑުމެން އަބަދުވެސް ދައްކަން. ލުއިސާނާއާއި އަޅުގަނޑު، އަޅުގަނޑުމެންގެ ހުރިހާ ވަގުތަކާއި ސަމާލުކަން ނޯއާ ރަނގަޅުވުމަށްޓަކައި ދިނުމަށް، އަޅުގަނޑުމެންގެ ކެރިއަރުތައް ވަގުތީގޮތުން ހުއްޓާލައިފިން. މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެން އެދެނީ ތިބޭފުޅުންގެ އަރިހުން ދުއާއާއި އަދި އަޅުގަނޑުމެންގެ ޕްރައިވެސީއަށް އިހްތިރާމްކުރުމަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް އޮތީ ވަރަށް ދިގު ދަތުރެއް. އަދި އިރާދަކުރެއްވިއްޔާމު، އާއިލާއާއި ރައްޓެހިންނާއި ދުނިޔެ ވަށައިގެން ތިބި ފޭނުންގެ އެއްބާރުލުމާއިއެކު އަޅުގަނޑުމެން މިހަނގުރާމައިން މޮޅުވާނެ"، ބުބްލޭ ބުނެފައިވެ އެވެ.

ބުބްލޭއާއި ލޮޕިލާތޯގެ ދެވަނަ ދަރިފުޅަކީ ނުވަ މަހުގެ އެލާއަސްއެވެ.