އެމެރިކާގެ ދެކުނު ކެރޮލީނާގެ 100 އޭކަރުގެ ބިމެއްގައި ކާލާ ބްރައުން ހޯދަމުން ދަނިކޮށް ދަގަނޑު ޝިޕްކުރާ ކޮންޓެއިނާއެއްގެ ތެރެއިން އަޑުއަޑުއިވެން ފެށުމުން ފުލުހުން ސަމާލުކަމަށް އައެވެ.
ޔޫއެސް މީޑިއާއަށް މަޢުލޫމާތު ދެމުން ފުލުހަކު ބުނީ އޭނާ ފެނުނުއިރު އޮތީ ފޮށީގެ ތެރޭގައި "ކުއްތާއެއްހެން ޗެއިންކޮށްފަ" ކަމަށެވެ. އޭނާ ސަލާމަތް ކުރެވުނީ ދިރިހުއްޓާއެވެ.
ބްރައުންއާއި އޭނާގެ ލޯބިވެރިޔާ ޗާލީ ކެލްވާ ގެއްލިގެން ހޯދަނީ މިއަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
ރަޖިސްޓްރީކުރެވިފައިވާ ޖިންސީ ކުށްވެރިޔާ ކަމަށްވާ 45 އަހަރުގެ ޓޮޑް ކޮލްހެޕް ވަނީ އެހާދިސާއާއި ގުޅިގެން ބުރާސްފަތި ދުވަހު ހައްޔަރު ކުރެވިފައެވެ.
ބްރައުން ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި ދުވަހަކު ދެފަހަރު އޭނާއަށް ކާންދޭ ކަމަށާއި އެހެންނަމަވެސް ކޮންޓެއިނާގެ ތެރޭގައި ދުވަސްކޮޅެއް ވުމުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.
ސްޕާޓެންބާގް ކައުންޓީ ޝެރިފް ކަމަށްވާ ޗަކް ރައިޓް އެތަން ސިފަކޮށްފައިވަނީ "ހޫނު މޫސުމުގައި ބަންދުވެފައި ހުންނަން ނަރަކަ ކަހަލަ ތަނެއް ކަމަށާއި އަލިކަމެއް ނެތް، ކުޑަދޮރެއް ނެތް، ވައިހޮޅިއެއް ނެތް" ތަނެއްގެ ގޮތުގައެވެ.
ޝެރިފް ރައިޓްއަށް ބްރައުން ދިން މަޢުލޫމާތުތަކަށް ބަލާއިރު، އެބިމުގައި ހަތަރު މީހުން ވަޅުލާފައިވުން އެކަށީގެންވެއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ އަތުގައި ޖެހިފައިމިވަނީ ސީރިއަލް ކިލާއެއް ނޫންކަން ކަށަވަރުކުރުމަށް. އެއީ ސީރިއަލް ކިލާއަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް"، ރައިޓް ވިދާޅުވިއެވެ.
ފުލުހުން އެބިން ފާސްކުރަން ފެށީ ޖިންސީ ކުށްތައް ތަޙްޤީގުކުރާ އޮފިޝަލަކު ދިން މަޢުލޫމަތަކާއި ގުޅިގެންނެވެ.