ދާދި ފަހުން ރާއްޖެ އަށް ދަތުރުތައް ފެށި ތުރުކީ އެއާލައިންގެ ދަތުރެއް ހިލޭ ލިބޭ، ޕޯސްޓް ޕެއިޑް މޯބައިލްގެ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.
ޓާކިޝް އެއާލައިނާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ ޕޯސްޓްޕެއިޑްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ކަމަށް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ބުންޏެވެ.
މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކީ ދެ މީހަކަށް ތުރުކީ އަށް ދިއުމަށް ބިޒްްނަސް ކްލާހުގެ ދެކޮޅު ޓިކެޓާއި ތުރުކީގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލެއްގައި ފަސް ދުވަހު ހުރުމެވެ. ދެވަނަ އިނާމަކީ ޔޫރަޕްގެ ބޭނުން ކޮންމެ މަންޒިލަކަށް ދެ މީހަކަށް ޓާކިޝް އެއާލައިންގެ ދެކޮޅު ޓިކެޓެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ މުއްދަތުގައި އާ ކަނެކްޝަނެއް ނަގާ ނަމަ ކަނެކްޝަން ފީ އާއި ފުރަތަމަ މަހުގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. ދިރާގުގެ ޕޯސްޓްޕެއިޑް ކަނެކްޝަން ފީގެ އަގަކީ 199 ރ. އެވެ. އަދި ޑިޕޮސިޓަކީ 500ރ. އެވެ.