ޕީޕީއެމްގެ މަގު ދައްކަވަން ރައީސް މައުމޫން ވަޑައިގަތުމަށް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެކަމަށް މައުމޫން ރައްދު ދެއްވައިފި އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، މަގު ދައްކަވަން އުޅުއްވުމުން ކޮށްލިވަރު މިހިރީ ކަމަށާއި، ހުރިހާ އެއްޗެއްވެސް ގެންދިޔައީ ނުހައްގުން ކަމަށެވެ. މައުމޫން އިޝާރާތް ކުރެއްވީ ޕާޓީގެ އެންމެހާ ބާރުތައް ކޯޓު މެދުވެރިކޮށް ރައީސް ޔާމީން އަތުލެއްވެވި ގޮތްކަމަށް ބެލެވެއެވެ.
ރޭ ޔާމީން ފެކްޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރައީސް މައުމޫން އެނބުރި އެބޭފުޅުންނާއި ގުޅުމަށް ދައުވަތު ދެެއްވާފައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިރޭގެ ޖަލްސާގައި މައުމޫން ވަޑައިގެން ހުންނެވި ނަމަ ޖަލްސާ މިއައަށް ވުރެ އުފާވެރިގެން ދިޔައީސްކަން ކަށަވަރު ކަމަށެވެ. އަދި މައުމޫން ވަޑައިގެން ނެތްކަމުގެ ހިޔަނި އެޅިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ" ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު ރައީސް މައުމޫނާ އެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ.