ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާއަށް އަތޮޅުތަކުން އައި މީހުންނަށް ފައިސާ ދިން ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީން ވިދާޅުވެއްޖެއެވެ.
Aslu jalsa ge inthizaam thah ragalhu. Dhuru rahrashun vadain beyfulhun male ga bikaviya nudhinumah fiyavalhu elhi. pic.twitter.com/Bf0xZt2wtx
— 🇲🇻 #DefendMaldives 🇲🇻 (@amathyn) November 5, 2016
ސިޓީ އުރައަކަށް 500 ރުފިޔާ އަޅާފައިވާ ފޮޓޯ އަކާއިއެކު މަތީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަސްލު ޖަލްސާގެ އިންތިޒާމް ރަނގަޅު ކަމަށާއި، ދުރު ރަށްރަށުން ވަޑައިގެންނެވި ބޭފުޅުން މާލޭގައި ބިކަވިޔަ ނުދިނުމަށް ފިޔަވަޅު އެޅިފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާއަށް އަތޮޅުތަކުން އައި ފަރާތްތަކަށް ސިޓީ އުރަތަކެއް ވަނީ ބަހާފައެވެ. އެގޮތުން ބައެއް މީހުންނަށް 300ރ ލިބުނު އިރު އަނެއް ބަޔަކަށް 500ރ އަދި 1500 ރުފިޔާ ވަނީ ލިބިފައެވެ.
ރޭގެ ޖަލްސާއަށް މާލެ ދިޔަ ފަރާތްތަކަށް އިއްޔެ ހަވީރު ސައި ހަމަޖައްސާފައިވަނީ ދަރުބާރުގޭގައެވެ. އެތަނުގައި ވަނީ ކޮންމެ މީހަކަށް "2 ގުޅަ އާއި ކުކުޅު ބިހެއް" ހިމެނޭ ސައި ޕެކޭޖެއް ހަމަޖައްސާފައިކަމަށް އެތަނަށް ދިޔަ މީހަކު "އައްޑޫލައިވް"އަށް ބުންޏެވެ.
ރޭގެ ޖަލްސާއަށް އައްޑޫން މީހުން ގެނައުމަށް މޯލްޑިވިއަންގެ އެއާބަސްގެ ދެ ޗާޓަރު ދަތުރުވަނީ އަޅާފައެވެ.
ޕީޕީއެމް ޔާމީން ފެކްޝަނުން ބުނީ މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާކަމަށެވެ.