Last Updated: June 28, 06:55
Sunday, June 28, 2026
ސިޔާސީ

"އަަސްލު" ޖަލްސާ ފެނިފައި އުފާވި: ނަޝީދު

ކުރީގެ ރައީސް ނަޝީދް.

ރޭ ޕީޕީއެމް ޔާމީން ފެކްޝަނުން ބޭއްވި 'އަސްލު' ޖަލްސާ ފެނިފައި ވަރަށް އުފާވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ ރާއްޖެ ކުރިއަރާ ދާނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގާއިމުވެގެންކަމަށް ތަކުރާރުކުރައްވާފައެވެ.

ރައީސް ނަޝީދަކީ ވެރިކަން ކުރެއްވި ދުވަސްވަރުވެސް، ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހުގައިވެސް މިރާއްޖޭގައި ވާދަވެރި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގާއިމުކުރުމަށް ތާއީދުކޮށް ވަރަށް ބޮޑަށް އަޑުއުފުލައި އެކަމަށް ބާރު އަޅާފައިވާ ރައީސެކެވެ.

ރައީސް ނަޝީދަކީ މިހާރު އޮތް ރައީސް ޔާމީނުގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށް ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.

ނަމަވެސް ވަރަށް އަވަހަށް ރާއްޖެ އެނބުރިވަޑައިގަންނަވާނެ ކަމަށް ދާދި ފަހުން އެމަނިކުފާނު ވަނީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ބައްދަލުކޮށް ހާމަކޮށްފައެވެ.