Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ތަފާތު ބޮޑު މޮޅަކާއެކު ޗެލްސީ ލީގުގެ އެއްވަނަ އަށް

ހަޒާޑުގެ ދެވަނަ ގޯލަށްފަުހު ކުޅުންތެރިން އުފާފާޅު ކުރަނީ: ފޮޓޯ- ގެޓީ އިމޭޖެސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި އެވަޓަން ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް 0-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ޗެލްސީ ސިޓީ ފަހަތަށް ޖައްސާލައި ލީގުގެ އެއްވަނައަށް އަރައިފިއެވެ.

މިޑުލްސްބްރަގް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވެ އެއް ޕޮއިންޓުން ކުރީގައި އޮތްވައި ޗެލްސީ ވަނީ އެވަޓަން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެެކު ސިޓީގެ ކުރީގައި އެއް ޕޮއިންޓާއެކު އެއްވަނައަށް އަރާފައެވެ.

ލީގުގައި އެންމެ ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ޗެލްސީ ވަނީ ފާއިތުވެދިޔަ ފަސް މެޗު ވެސް ބައިކޮޅަށް ގޯލެއް ނުވަދެ މޮޅު ވެފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑު 0-4 އިން ބަލިކުރި މެޗު ފާހަގަ ކުރެވެއެވެ.

ރޭގެ މެޗުވެސް އެހެން މެޗުތަކެކޭ އެއްފަދައިން ޗެލްސީ ފަށާފައިވަނީ އެޓޭކަށް ވިސްނައިގެންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ހަޒާޑު ވަނީ އޭނާގެ ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދައިގެން މެޗުގެ ލީޑު ނަގާފައެވެ. ހަޒާޑުގެ މިގޯލު ޖެހިތާ މިނެޓެއް ފަހުން ޗެލްސީ ވަނީ އަލޮންސޯގެ ގޯލަކުން މެޗުގެ ލީޑު 0-2 އަށް ފުޅާ ކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ކުޑަ އިރުކޮޅަކަށް ވެފައިވަނިކޮށް ޑިއެގޯ ކޯސްޓާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް މުޅިން ނަގާފައެވެ. ޗެލްސީގެ ހަތަރު ވަނަ ގޯލު 56 ވަނަ މިނެޓުގައި އަނެއްކާވެސް ކާމިޔާބުކޮށްދީފައިވަނީ ހަޒާޑެވެ. ފަހު ގޯލު 65 ވަނަ މިނެޓުގައި ޖަހާފައިވަނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.

މެޗުން މޮޅުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ ކޮންމެ މެޗަކުންވެސް މޮޅުވުމަކީ އޭނާގެ އަމާޒު ކަމަށެވެ. ނަމަވެސް މިފަދަ ރީތި ކުޅުމަކާއެކު ބޮޑު ސްކޯއެއް ލިބުމުން އޭނާ އިތުރަށް އުފާވާކަމަށް ކޮންޓޭ ބުނެފައިވެއެވެ.

25 ޕޮއިންޓާއެކު ޗެލްސީ ލީގުގެ އެއްވަނައިގައި އޮތް ނަމަވެސް އާސެނަލް އަދި ލިވަޕޫލް މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޗެލްސީ ވައްޓާލެވޭނެއެވެ. އާސެނަލް މިއަދު ހަވީރު 5:00 ގައި ނިކުންނާނީ އެމީހުންގެ ދުވަސްވީ ވާދަވެރިން ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށެވެ. ލިވަޕޫލް ކުޅެން ހަމަޖެހިފައިވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަޓްފޯޑާއި ދެކޮޅަށެވެ. މިމެޗު އޮތީ މިރޭ 7:15 ގައެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ސްވެންސީ ބައްދަލުކުރާ މެޗު ފެށޭނީ މިރޭ 8:00 ގައެވެ.