Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އެސްޔޫއެލް އާއި ހޮސްޕިޓަލް މުވައްޒަފުންގެ މުސާރައިގެ ޝަކުވާ ކައުންސިލަށް

ފެނަކަ ކޯޕަރޭޝަނުގެ ދަށުން ހިނގަމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ދަށުގައި ތިބި މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުލިބި ލަސްވާތީ، އެ ޝަކުވާ އައްޑު ސިޓީ ކަައުންސިލަށް ހުށަހަަޅައިފި އެވެ.

ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތަނުގެ މުވައްޒަފުންގެ މުސާރަ ނުލިބި ލަސްވަމުންދާތީ މުވައްޒަފުންގެ ޝަކުވާތައް ތަކުރާރުކޮށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އަދި އެކަމާ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެން އެސްޔޫއެލް އަށް ގުޅާލީމަ އެތަނުން ބުނަނީ ނޭނގެޔޭ މުސާރަ ދެވޭނެ ދުވަހެެެއް،" އޮފިޝަލް ވިދާޅުވިއެވެ. "މުސާރަ ނުދެވުމުގެ އިތުރަށް އެސްޔޫއެލް އަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައި."

ކައުންސިލްގެ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލްގެ ދަށުގައި ތިބި މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދިން ނަމަވެސް، މުސާރައިން ކުރިން އުނިކޮށްފައިވާ ބައިން ލިބެން ޖެހޭ 15 ޕަސެންޓް ފައިސާ ލިބިފައިވާކަން އެނގިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މުސާރަ ނުލިބި ދިގުލައިގެން ދާތީ ގިނަ މުވައްޒަފުންތަކެއްގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ކައުންސިލުން ބުންޏެވެ.

"އަނެއްކާ މުވައްޒަފުން ތިބީ ވެސް ވަރަށް ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި. އެ މީހުން ތިބީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައިތޯ ނުވަތަ ހެލްތު ކޯޕަރޭޝަންގެ ދަށުގައިތޯ ވެސް ސާފު ނުވާ ކަމަށް މުވައްޒަފުން ބުނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޔޫއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މުސާރަ ލިބުން ލަސްވާތީ، މުސާރައިގެ މައްސަަލާގައި ކޮންމެ މަހަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.