އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން އިންތިހާބްގައި ކުރިމަތިލާ ފަރާތްތަކާއި، އިންތިހާބްގެ މަންދޫބުން އަދި އޮބްޒާވަރުން ރަޖިސްޓްރީ ވުމަށް ކުރިން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބްގައި ޖުމްލަ 653 ކައުންސިލަރުން ހޮވަންޖެހެއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ރާއްޖޭގެ 179 ރަށެއްގެ ރަށު ކައުންސިލަރުންނަށް ޖުމްލަ 563 ކައުންސިލަރުން ހޮވާ އިރު ރާއްޖޭގެ ތިން ސިޓީއަށް 23 ކައުންސިލަރުންނާއި 18 އަތޮޅަށް 67 އަތޮޅު ކައުންސިލަރުން ހޮވަން ޖެހޭ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އެމްޑީޕީންވަނީ އެޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީ ބާއްވާފައެވެ. ޕީޕީއެމް ޕްރައިމަރީއަށް ދަނީ ތައްޔާރުވަމުންނެވެ.