އިންޑިއާގެ ވެރިރަށް ދިއްލީގައި ދުމުގެ ސަބަބުން މީހުންނަށް އުނދަގޫތައް ކުރިމަތިވަމުންދާތީ ދިއްލީގެ ޗީފް މިނިސްޓަރު އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފިއެވެ.
އިމާޖެންސީ ކެބިނެޓް މީޓިންގް އަކަށްފަހު، އަރްވިންދް ކޭޖްރިވާލް ވަނީ ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާނެކަމަށް ވައުދުވެފައެވެ.
ދިއްލީގައި ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތައް ވަނީ ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލެވިފައެވެ.
ހިރަފުހުގެ އަސަރު ކުޑަކުރުމަށްޓަކައި ދިއްލީގެ ބޮޑު މަގުތަކަށް ފެންޖަހަންވެސް ވަނީ ނިންމާފައެވެ.
ކޭޖްރިވާލްވަނީ ދިއްލީގެ ރައްޔިތުން ވީހާވެސް ގިނައިން ގެއިން ބޭރު ނުވުމަށާއި، އެކަށީގެންވާނަމަ ގެއިން ވަޒީފާ އަދާކުރަންވެސް އަންގަވާފައެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ އެހެނިހެން ފިޔަވަޅުތަކުގެ ތެރޭގައި ކުނިގޮނޑުތަކުގައި ރޯވެފައިވާ އަލިފާން ނިއްވުމާއި އަދި ބާދަރްޕޫރްގެ އިންޖީނުގެވެސް ބަންދުކުރުން ހިމެނެއެވެ.
ހޮނިހިރު ދުވަހު ވައި ނުސާފުވުމުގެ މައްސަލައާއި ގުޅިގެން 1،800 މުނިސިޕަލް ސްކޫލްތައް ވަނީ ބަންދުކުރެވިފައެވެ.
މިފިޔަވަޅުތައް އެޅެން ފެށީ ޕީއެމް2.5 (މީހުންގެ ފުއްޕާމޭގައި ހަރުލާފާނެ ހިރަފުހުގެ މާއްދާ) ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ 90 ގުނަ އިތުރު އަދި އިންޑިއާގެ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ 15 ގުނަ އިތުރުވެގެން ދިޔުމުންނެވެ.
އެތައް ސަތޭކަ މީހުންނެއް ވަނީ މޫނުމަތި ނިވާކޮށް މާސްކް އަޅައިގެން އާދިއްތަ ދުވަހު ދިއްލީގެ ޖާންތަރް މަންތަރް ބިނާ ކައިރީގައި އެއްވެ، މުޒާހަރާ ކޮށްފައެވެ.
އިންޑިއާގެ އެންޑީޓީވީއިން އިންޑިއާގެ މޫސުމާއިބެހޭ އިދާރާގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ދިއްލީގެ 'ވިޒިބިލިޓީ' އަކީ ހެނދުނު ގަޑިން 08:30 ވިއިރު އެންމެ 200 މީޓަރު ކަމަށެވެ. އެއީ ދުމުގެ އަސަރު ކޮށްފައިވާ މިންވަރުގެ ބޮޑުކަމުންނެވެ.
ވައި ނުސާފުވުމުގެ މައްސަލައަކީ ލަފާކުރެވިފައިވާ އުމުރަށްވުރެ އަވަހަށް އިންޑިއާގައި މީހުން މަރުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބެކެވެ. އެގޮތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 620،000 މީހުން ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން މަރުވާކަމަށްވެސް ޑަބްލިއުއްޗެއޯއިން ބުނެއެވެ.