ޕާކިސްތާނުގެ ކޮންމެ ދެއަންހެނުން ކުރެ އެއް އަންހެނަކަށް ކޮންމެވެސް ސިފައެއްގައި ގެވެށި އަނިޔާ ލިބޭކަމަށް އާދިއްތަ ދުވަހު ޝާއިރުކުރެވުނު ބަޔާނެއްގައި މާހިރަކު ބުނެފިއެވެ.
އެގާ ޚާން ޔުނިވާސިޓީގައި ހޮނިހިރު ދުވަހު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ތަޒީން ސައީދް އަލީ ވިދާޅުވި ކަމަށް ޑޯން ނޫހުން ރިޕޯޓްކޮށްފައިވަނީ ލިބޭ އަނިޔާގެ ސަބަބުން އަންހެން މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށެވެ.
އަލީ ވިދާޅުވާ ގޮތުގައި ޕާކިސްތާނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށް 21-50 އިންސައްތަ އަންހެނުން ވެއެވެ. ފިރިމީހާއާއި ނުވަތަ ފިރިމީހާގެ އާއިލާއާއި ދެމެދު ޖެހޭ މައްސަލަތަކާއި އަދި މާލީ މައްސަލަތަކުގެ ސަބަބުން އަންހެނުންނަށް އަނިޔާ ލިބެއެވެ.
"އަޅުގަނޑުމެންގެ ދިރާސާއިން ދެއްކި ގޮތުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 97.7 އިންސައްތަ މީހުންނަށް އެމީހުންގެ ޒަވާޖީ ހަޔާތުގެ ކޮންމެވެސް އެއްހިސާބެއްގައި ގެވެށި އަނިޔާ ކޮންމެވެސް ސިފައެއްގައި ލިބިފައިވާކަމަށް. އަދި 72 އިންސައްތަ މީހުންނަށް ވަނީ ގޭގައި ޖިންސީ އަނިޔާވެސް ލިބިފަ"، އަލީ ވިދާޅުވިއެވެ.
އޭނާ ބުނީ އަނިޔާތަކުގެ ސަބަބުން އަންހެނުންނަށް ރީޕްރޮޑަކްޓިވް ހެލްތުގެ މައްސަލަތައް ދިމާވާ ކަމަށެވެ.
ކުދިން ނުލިބުމަކީ އަލީ ބުނާ ގޮތުގައި އަންހެނުން ގެވެށި އަނިޔާގެ ޝިކާރައަކަށްވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. އެއީ މުޖުތަމަޢުގައި ފިރިހެނުންނަށްވުރެ އަންހެނުންނަށް ދަށް ދަރަޖައެއް ދެވިފައިވާތީ ކަމަށް ޑޯން ނޫހުން ރިޕޯޓް ކުރެއެވެ.