2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްއަށް ކުޅޭނެކަމުގެ ޔަޤީންކަންދީ، އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފިއެވެ.
31 އަހަރުގެ ރޮނާލްޑޯ މިހާރު ކްލަބްއާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2018 ވަނަ އަހަރުގެ ޖޫން މަހަށެވެ. އެހެންނަމަވެސް، އޭނާގެ އުމުރުން 36 އަހަރުގައި ނިމޭނެ އާ އެއްބަސްވުމެއްގައި ރޮނާލްޑޯ ހޯމަ ދުވަހު ސޮއި ކުރާނެއެވެ.
ހަފްތާއަކު ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި ކުރިއެކޭވެސް އެއްގޮތަށް ގާތްގަނޑަކަށް 365،000 ޕައުންޑް ލިބޭނެކަމަށް ރިޕޯޓް ކުރެވެއެވެ.
އޭނާ ވަނީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްއާއި ގުޅުނު ފަހުން 371 ގޯލް ޖަހާފައެވެ.
އޭނާވަނީ ސްޕެއިންގެ ވެރިރަށަށް މީގެ ހަތް އަހަރު ކުރިން ބަދަލުވިފަހުން، ދެފަހަރު މަތިން ރެއާލް މެޑްރިޑްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އަދި އެއް ލަލީގާވެސް ކާމިޔާބު ކޮށްދީފައެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯގެ އެއްބަސްވުން އާކުރުމަށްޓަކައި ރަސްމީ ޙަރަކާތް ބޭއްވޭނީ 7 ނޮވެމްބަރު ވާ ހޯމަދުވަހު ޖީއެމްޓީ ގަޑިން 13:30 ގައި ބާނަބިއު ސްޓޭޑިއަމްގެ ޕްރެޒިޑެންޝަލް ބޮކްސްގަ"، ރެއާލައިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވެއެވެ.
"ކުޅުންތެރިޔާ އަމިއްލައަށް އަދި ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެވަޑައިގަންނަވާނެ ހަރަކާތެއްގައި ޕޯޖުގީޒް ފޯވާޑް އޭނާގެ އެއްބަސްވުމުގެ މުއްދަތު 30 ޖޫން 2021 އާއި ހަމައަށް ދިގުކުރާނެ"، އެބަޔާނުގައި ވެއެވެ.
މީގެ ހަފްތާއެއް ކުރިން ރޮނާލްޑޯގެ ޓީމްމޭޓް ގެރެތު ބޭލްވަނީ އޭނާގެ އެއްބަސްވުން ކްލަބްއާއިއެކު 2022 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފައެވެ.