ނޮވެމްބަރު މަހުގެ 21 އިން 22 އަށް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓް ފޯރަމްއާއި ދިމާކޮށް، ތާޖު މަހަލް ބަލައިލަން ދިއުމުގެ ފުރުސަތު މޯލްޑިވިއަންއިން ހުޅުވާލައިފިއެވެ.
ރާއްޖޭގެ ޤައުމީ އެއާލައިންއިން ވަނީ އެކަމަށްޓަކައި ވަރަށް ޚާއްސަ ޕެކޭޖުތަކެއް ތަޢާރަފްކޮށްފައެވެ. އެގޮތުން މޯލްޑިވިއަންއިން ވަނީ އެފޯރަމަށް ދިވެހި ވިޔަފާރިވެރިން ގެންދިއުމަށްޓަކައި ޚާއްސަ ޗާޓަރު ފްލައިޓެއް ސީދާ ދިއްލީއަށް ބޭއްވުމަށް ނިންމާފައެވެ.
ޗާޓަރު ފްލައިޓް ދިއްލީއަށް ދަތުރުކުރާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ތިން ދުވަހު ދިއްލީގައި މަޑުކުރުމަށްފަހު އެނބުރި ރާއްޖެ އަންނާނެއެވެ. އެފްލައިޓްގެ ޖާގަ އޮތްވަރަކުން އާންމު ރައްޔިތުންނަށްވެސް ޓިކެޓް ވިއްކާނެކަމަށް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ.
އައިލެންޑް އޭވިއޭޝަންއިން މަޢުލޫމާތުދޭ ގޮތުގައި ތާޖު މަހަލް ބަލައިލަން ދިޔުމުގެ ފުރުސަތު ލިބިދޭ ޕެކޭޖުގެ އަގަކީ އެންމެ 499 ޑޮލަރެވެ. އެއީ ދެމީހުންނަށް ދަތުރުކުރެވޭ ގޮތަށް ހަދާފައިވާ ޕެކޭޖަކަށް ވީއިރު، ދެކޮޅު ޓިކެޓާއި އިންޑިއާގައި ތިބުމުގެ ޚަރަދާއި އަދި ތާޖް މަހަލްއާއި އާގްރާ ފޯޓް ބަލައިލަން ދިއުމުގެ ޚަރަދުވެސް އެޕެކޭޖުގައި ހިމެނޭނެއެވެ.
ތާޖު މަހަލްއަކީ ދުނިޔޭގެ ހަތް އަޖައިބުތަކުގެ ތެރެއިން އެއް އަޖައިބެވެ. އެތަނަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބިދޭ ޕެކޭޖު މިހާރު މޯލްޑިވިއަން ހޮލިޑޭޒް މެދުވެރިކޮށް ނެގޭނެއެވެ.

މޯލްޑިވިއަންއިން އިންވެސްޓްމެންޓް ފޯރަމަށް ޚާއްސަކޮށް ޗާޓަރު ކުރާ ފްލައިޓްގެ ދެކޮޅު ޓިކެޓްގެ އަގަކީ 250 ޑޮލަރެވެ.
އިންވެސްޓްމެން ފޯރަމްގައި ބައިވެރިވުމަށްޓަކައި ތިން އަގެއްގެ ޕެކޭޖުތަކެއް މޯލްޑިވިއަންއިން ވަނީ ތާޢާރަފްކޮށްފައެވެ. އެފޯރަމްގައި ބައިވެރިވާން ޝައުޤުވެރިވާ ވިޔަފާރިވެރިންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މިއީ ރާއްޖެއިން ބައިވެރިވާ ތިންވަނަ ބައިނަލްއަޤްވާމީ އިންވެސްޓްމެން ފޯރަމެވެ. މީގެ ކުރިން ރާއްޖެއިން ވަނީ ޗައިނާގެ ބެއިޖިންގްގައި އަދި ސިންގަޕޫރުގައި ބޭއްވި ފޯރަމްތަކުގައިވެސް ބައިވެރިވެފައެވެ. އެފޯރަމްތަކުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
މިއަހަރު އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާ ފޯރަމްގައި ރާއްޖެއިން ހުޅުވާލާ މަޝްރޫޢުތައް ހިމެނޭ ދާއިރާތަކަކީ އިންފްރާސްޓްރަކްޗާ، ފަތުރުވެރިކަން އަދި ރެކްރިއޭޝަނަލްގެ ދާއިރާއެވެ. ނަމަވެސް، މިފަހަރުގެ ފޯރަމްގައި ހުށައަޅާނީ ކޮން މަޝްރޫޢުތަކެއްކަން އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.