ހުކުރު ދުވަހުގެ ރޭގައި ޕަހަރްގަންޖްގައި ހުންނަ ހޮޓެލްއެއްގެ ކޮޓަރިތެރޭގައި 15 އަހަރުގެ އަންހެން ކުއްޖަކާއި ގަދަކަމުން ޖިންސީ ޢަމަލު ހިންގި ކަމުގެ ކުށުގައި ތިން ޒުވާނުން ހޮނިހިރު ދުވަހު ހައްޔަރު ކޮށްފިއެވެ.
އޭގެތެރެއިން ރެހާން ނަމަކަށް ކިޔާ ފިރިހެން ކުއްޖާއަކީ އެއަންހެން ކުއްޖާއާއި މިދިޔަ އެއް އަހަރާއި ހަމަސް ވަންދެން ލޯބީގެ ގުޅުން އޮންނަ ކުއްޖެއްކަން ވަނީ ހާމަވެފައެވެ.
އެންމެ ފުރަތަމަ އެއަންހެން ކުއްޖާ ފުލުހުންނަށް މަޢުލޫމާތު ދިނީ އޭނާ ރޭޕްކުރީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. އެހެންނަމަވެސް، ފަހުން އިތުރު ދެމީހެއްގެ ބޮލުގައިވެސް އޭނާވަނީ ތުހުމަތު އަޅުވާފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު އެ އަންހެން ކުއްޖާ ވަނީ އޭނާ ބަޔާން ބަދަލުކޮށް، ކޮޓަރީގައި ހަތް މީހުން ތިބިކަމަށާއި އެހުރިހާ މީހުންވެސް އޭނާ ރޭޕްކުރި ކަމަށް ބުނެފައެވެ. އޭގެތެރެއިން ތިން މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ދަނީ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުރާވަރުގެ އަންހެން ކުއްޖާ ބުނިގޮތުގައި ރެހާން ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި އޯލްޑް ދިއްލީ ގެއަށް އައުމަށް އޭނާގާތު ބުނެފައެވެ. އެއީ އޭނާއާއިއެކު ފިލްމެއް ބަލަންދާން ކަމަށް ބުނެއެވެ. އެހެންނަމެވެސް، އޭގެ ބަދަލުގައި ރެހާން އޭނާ ގޮވައިގެން ދިޔައީ ހޮޓަލަކަށް ކަމަށާއި، އެތާނގައި ރެހާންގެ ރައްޓެހިން ކުރީއްސުރެ އައިސް ތިބިކަމަށެވެ. އަންހެން ކުއްޖާ ތުހުމަތުކުރާ ގޮތުގައި އެމީހުން އޭނާގެ ބުއިމަށް ރާއެޅުމަށްފަހު ފަހަރަކު މީހަކު އޭނާ ރޭޕް ކުރީއެވެ.
އެކުއްޖާގެ މައިންބަފައިން ޓައިމްސް އޮފް އިންޑިއާއަށް މަޢުލޫމާތުދިން ގޮތުގައި ރެހާންއާއިއެކު ރަހުމަތްތެރިކަމުގެ ގުޅުން ނުބޭއްވުމަށް އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. މަންމަ ބުނިގޮތުގައި އަންހެން ކުއްޖާއަށް ހުކުރު ދުވަހު ރެހާންގެ ފޯން އައިވަގުތު، އޭނާ ހުރީ އެކުއްޖާ ކައިރީގައިކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަންހެން ކުއްޖާ ބޭރަށް ދިޔަކަމަށެވެ.
ޕޮލިސް ރެކޯޑްތައް ބެލުމަށްފަހު ފުލުހުން ބުނީ ރެހާންއަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. ރޭޕްކުރެވުނު އަންހެން ކުއްޖާއަށް އެކަންތައް ނޭނގޭކަން ވަނީ ހާމަވެފައެވެ.
އަންހެން ކުއްޖާގެ ބަޔާން ނެގުމަށްފަހު ފުލުހުން ވަނީ މައްސަލަ ރަޖިސްޓްރީކޮށް، ރެހާން ހައްޔަރު ކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ރޭޕް ހިނގިވަގުތު އެތާނގައި ތިބި އިތުރު ދެމީހަކުވެސް ވަނީ ހައްޔަރު ކުރެވިފައެވެ.