Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޝަރަފުއްދީންގެ ކެންޓީނުން ވިއްކި ޕިއްޒާގައި "ފަންގަސް"

ޝަރަފުއްދީން ސްކޫލް ކެންޓީނުން އިއްޔެ ވިއްކި ފަންގަސް ޖަހާފައިވާ ޕިއްޒާއެއް/ ފޮޓޯ: ކިއުންތެރިއެއް

ސ. ހިތއދޫ ޝަރަފުއްދީން ސްކޫލްގެ ކެންޓީނަށް ގެނެސް ވިއްކި ޕިއްޒާތަކަކުން "ފަންގަސް" ފެނިފައިވާތީ އެ މައްސަލަ ޕަބްލިކް ހެލްތަށް ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ކުދިން މި ވަގުތު ކިޔަވަމުން އަންނަ ޝަރަފުއްދީން ސްކޫލްގެ ކެންޓީން ހިންގަމުން އަންނަނީ ހިތަދޫ "އައިސް ޑިލައިޓް" އިންނެވެ.

އައްޑޫ ޕަބްލިކް ހެލްތު ހިންގުމާއި ހަވާލުވެ ހުންނެވި އިހްތިޝާމް ނަޖީބް ވިދާޅުވީ އެފަދަ މައްސަލައެއް ރިޕޯޓްކޮށްގެން އެތަން ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެފަދަ ރިޕޯޓެއް ލިބިގެން ވަނީ ގޮސްބަލާފައި. އެތަނުން ފެނުނު "ފަންގަސް" ހުރި ޕިއްޒާއެއް" އިހްތިޝާމް ވިދާޅުވިއެވެ.

އިހްތިޝާން ވިދާޅުވީ ސްކޫލް ކެންޓީން ހިންގަމުން އަންނަ ފަރާތުން އެތަނުގައި ދެނީ ކޭޓަރިން ހިދްމަތަކަށް ވަތީ އެތަނަށް ކާއެއްޗެހި ތައްޔާރު ކުރާ ތަން މިއަދު ބަލާނެ ކަމަށެވެ. އަދި އެތަން ބަލައި ޗެކް ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށެވެ.

އައްޑޫލައިވަށް އެގިފައިވާ ގޮތުގައި މި ޕިއްޒާ ފެނިފައިވަނީ އެސްކޫލުގެ މުވައްޒަފުން ތަކަކަށެވެ. އަދި އެ ޕިއްޒާ އެތަނުގައި ތިބި ބިދޭސީ މުވައްޒަފުންނަަށް ދެއްކުމުންވެސް ދަރިވަރުންނަށް ވިއްކުމަށް ބަހަްއޓާފައިހުއްޓެވެ. އެހެންވެ ފަހުން މުވައްޒަފުން އަމިއްލައަށް އެ ޕިއްޒާ ނަގައި ޕަބްލިކް ހެލްތަށް ރިޕޯޓްކުރީއެވެ.

މިކަމާއި ގުޅިގެން ސްކޫލުން ކޭޓަރިން ހިދްމަތް ދޭ ފަރާތާއި ގުޅުމުން އެފަރާތުން ވަނި އެ ފަދަ ކަމެއް ނުހުންނަނެ ކަމަށް ބުނެފައެވެ.
ޝަރަފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަސަން ޒަރީރު މިއަދު ވިދާޅުވީ އެސްކޫލް ކެންޓީނުން ވިއްކި ފަންގަސް ޖަހަފައިވާ ޕިއްޒާ އެބޭފުޅާއަށް ކެވިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވެސް ކެވުނު އެއިން ޕިއްޒާއެއް. އެތަނަށް އައި އަންހެން މުވައްޒަފުން ތަކަކަށް ފެނިގެން އެވާހަކަ ބުނީމާ އެތަނުގެ އިސް ފަރަތްކަުން އެކަން ގަބޫލެއްް ނުކުރި. އެހެންވެ ޕަބްލިކް ހެލްތަށް ރިޕޯޓްކުރީ" ޒަރީރް ވިދާޅުވިއެވެ.

ޒަރީރް ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގެ ކެންޓީނުން އެފަދަ ކާއެއްޗެއް ކެވި ދަރިވަރުން ކާނާ ވިހަވެއްޖެނަމަ އެކަމުގެ ޒިއްމާ ނަގަންޖެހޭނީ ސްކޫލުން ކަމަށް ވެފައި އެފަދަ ގޮތަކަށް ހިދްމަތް ދެވިގެން ނުވާނެ ކަމަށެވެ.

އެގިފައިވަ ގޮތުގައި ސްކޫލް އާއި ކޭޓަރިން ހިދްމަތް ދިނުމަށް ހަވާލު ކުރި ފަރާތުގެ އެގްރިމެންޓްގައި ވެސް ސިއްހީގޮތުން ރަނގަޅު ތާޒާ ކާނާ ވިއްކުމަށް ވަނީ ޝަރުޠުކޮށްފައެވެ. އަދި ސްކޫލުން އެމިންގަޑަށް ހިދްމަތް ފެތޭތޯ ބަލަންޖެހެއެވެ.