އަންނަ އަހަރަށް ސަރުކާރުން ލަފާކުރެއްވާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ހުށަހެޅުއްވި ބަޖެޓަކީ 26.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން މުނައްވަރު ވިދާޅުވީ މިފަހަރުގެ ބަޖެޓަކީ ހަރަދު ކުޑަ ސިޔާސަތެއްގެ ދަށުން ތަރައްޤީގެ ގިނަ މަޝްރޫއު ހިމެނޭ ފުރިހަމަ ބަޖެޓެއް ކަމަށެވެ.
މި ފަހަރު މަޖިލީހަށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓަލީ މިދިޔަ އަހރުގެ ބަޖެޓަށްވުރެ 0.75 ޕަސެންޓް ކުޑަ ބަޖެޓެކެވެ. އަދި މިއީ 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ކަމަށް ސަރުކާރުން ބުނެއެވެ.
މުނައްވަރު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑު ހިއްސާއެއް ކަނޑައެޅިފައިވާ ބަޖެޓްގެ 51 އިންސައްތަ ހޭދަކުރަން ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށާއި 49 އިންސައްތަ ހިއްސާކުރާނީ ކެޕިޓަލް ޚަރަދުތަކަށް ކަމަށެވެ.
2017 ވަނަ އަހަރުގެ ބަޖެޓުގައި 13.2 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ 60 އިންސައްތަ ހޭދަކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށެވެ.
2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސާދީ ދުވެލި ހަލުވިވެ 4.7 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައެވެ.
އެގޮތުން އަންނަ އަހަރު ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ޓެކުހުގެ ގޮތުގައި ލިބޭ 14.1 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބޭ 4.8 ބިލިއަން ރުފިޔާ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ 876 މިލިއަން ރުފިޔާއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން ލިބޭ 2 ބިލިއަން ރުފިޔާއެވެ.