Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

ގަމުގެ އާ ރަންވޭ ހުޅުވަން ރައީސް ވަޑައިގަންނަވަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އިތުރު ބައެއް ތަރައްޤީގެ މަޝްރޫއުތައް ހުޅުއްވުމަށް ރައީސް އަބްދުﷲ ޔާމީން މިމަހުގެ 15 ވަނަ ދުވަހު އައްޑޫއަށް ވަޑައިގަތުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު މެންދުރު ގަން އެއާޕޯޓްގަ އެވެ.

އޭގެ ފަހުން އެދުވަހު ހަވީރު، ގަމުގެ ސީޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެދުވަހު ހަވީރު ހިތަދޫގެ އިސް ރައްވެހިންނާއި، ޒުވާނުންނާއި ބައްދަލު ކުރައްވާނެއެވެ.

އެރޭ ފޭދުގައި ފޭދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވާއިރު ދެކުނު ދަތުރުފަތުރުގެ މަޝްރޫއުވެސް ރަސްމީކޮށް ރައީސް ޔާމީން އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގަން އިންޓަނޭޝަން އެއާޕޯޓް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރ އިބްތިސާމާ ސައީދު ވަނީ ވިދާޅުވެފަ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ރަންވޭ ދިގުކޮށް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ ރައީސް ވަހީދުގެ ސަރުކާރުގައި އިފްތިތާހް ކުރެވުނު މަޝްރޫއެކެވެ.

މަޝްރޫއު ނިމިގެންދާއިރު މިއަހަރު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގަމުން ސީދާ ކޮލަމްބޯއަށް ދަތުރުފެށުމަށް ސްރީލަންކަންއިން ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަނީވެ ނިމިފައެވެ.

ހަމައެކަނި މިވަގުތު ސްރީލަންކަން އިން މަޑުކޮށްގެން ތިބީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ލިބެން ޖެހޭ ހުއްދައަށެވެ.

ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ހުއްދަ ނުލިބިއްޖެ ނަމަ ދަތުރުތައް ހުއްޓާލަން ޖެހޭނެ ކަމަށް ސްރީލަންކަން އިން ވަނީ ބުނެފަ އެވެ.