ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހަޅާ މައްސަލައިގެ އަޑީގައި ތިއްބެވީ ޕީޕީއެމް ރައީސް މައުމޫން އާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތަކުމުގެ މައްސަލަ މަޖިލީހަށް ވައްދަނީ ރައީސް މައުމޫން އާއި ގާސިމް އަޑީގައި ތިއްބަވައިގެން އދިކޮޅު މެމްބަރުންނާއި ބައިއަތު ހިތްޕަވައިގެންނެވެ.
ނިހާން ވިދާޅުވީ، އެކަންދާނީ ފަނުފުލުން ކަމަށެވެ. އަދި މިކަމުގައި ޕީޕީއެމްގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާތީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕާއި ކައުންސިލުން ހިތާމަކުރާ ކަމަށެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމް މައުމޫން ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖްލިސް މެމްބަރުންނެވެ. އެކަމުގައި ހަރަކާތްތެރިވާ އެއް މެމްބަރު ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ މަޖްލިސްގެ ގަވާއިދާއި ހިލާފަށް މަސީހް މަސައްކަތް ކުރައްވާތީ ކަމަށެވެ. އެގޮތުން ގަވާއިދަށް ބެލުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން ގައުމަށް ގެއްލުން ލިބެމުންދާކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.