އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓުތައް މިރޭ މާލީ ނިޒާމުން ނައްތާލެވޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
ކުއްލިއަކަށް އިއުލާން ކުރެވުނު މިޚަބަރަކީ ހުރިހާ ޣައިރުޤާނޫނީ ފައިސާތަކާއި ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރެވުނު ކަމެއް ކަމަށް ޓީވީގައި ޤައުމާއި މުޚާތަބު ކުރައްވަމުން މޯދީ ވިދާޅުވިއެވެ.
"ކަޅު ފައިސާ އަދި ކޮރަޕްޝަންއަކީ ފަޤީރުކަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ހުރަސްތައް"، އޭނާ ވިދާޅުވިއެވެ.
ބޭނުންކުރުން ހުއްޓާލެވޭ ނޫޓްތަކުގެ ބަދަލުގައި އާ 500 ރުޕީސްގެ ނޫޓާއި 2000 ރުޕީސްގެ ނޫޓް ތަޢާރަފް ކުރެވޭނެއެވެ.
މިއީ ހިސާބުނުކުރެވިއާއި، ކޮރަޕްޝަން މެދުވެރިކޮށް ހޯދާ ފައިސާ ނުވަތަ ޓެކްސްނަގާ ފަރާތްތަކަށް ފައިސާ ނުދެއްކުމުގެ މަގުތައް ބަންދުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މިއީ މިހާތަނަށް އިންޑިއާގެ ސަރުކާރުން ޓެކްސް ނުދައްކާ ފަރާތްތަކާއި ދެކޮޅަށް އެޅުއްވި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި މިހާރުހުރި ބޮޑެތި ނޫޓްތައް ބަދަލު ކުރުމަށް ބޭންކްތަކަށް ވަނީ އަންގާފައެވެ.
500 އަދި 1000 ރުޕީސްގެ ނޫޓްތަކަކީ އިންޑިއާގައި ބޭނުންކުރުން ވަރަށް އާންމު ނޫޓްތަކެކެވެ.
11 ނޮވެމްބަރާއި ހަމައަށް އެނޫޓްތައް އެއާޕޯޓްތަކާއި، ރެއިލްވޭ ސްޓޭޝަންތަކުން އަދި ހޮސްޕިޓަލުތަކުން ޤަބޫލުކުރާނެއެވެ.
އާންމު ރައްޔިތުންނަށް އެމީހުންގެ ފައިސާތައް ބޭންކްތަކުން 10 ނޮވެމްބަރާއި 30 ޑިސެމްބަރާއި ދެމެދު ބަދަލު ކުރެވޭނެއެވެ.
މޯދީ ނިސްބަތްވާ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ ވެރިކަމަށް އައީ 2014 ވަނަ އަހަރު، ކަޅު ބާޒާރުގެ ފައިސާގެ ތެރެއިން އެތައް ބިލިއަން ޑޮލަރެއް ދައުލަތުގެ މާލީ ނިޒާމުގެ ތެރެއަށް ގެންނާނެ ކަމުގެ ވަޢުދާއި އެކުއެވެ.
މީގެ އެއްމަސް ދުވަސް ކުރިން ސަރުކާރުން ވަނީ ސިއްރުކުރެވިފައިވާ އާމްދަނީއާއި އެސެޓްތައް އާންމުކުރުމަށް އިންޑިއާގެ ރައްޔިތުންނަށް މަޖުބޫރުކުރާ ޓެކްސް އެމްނެސްޓީއެއް އެކުލަވާލައިގެން 10 ބިލިއަން ޑޮލަރު ހޯދާފައެވެ.