Last Updated: June 26, 11:11
Friday, June 26, 2026
ރިޕޯޓް

ގަމުން ލަންކާ އަށް ދާން އިމިގްރޭޝަން ތައްޔާރެއް ނޫން!

ސްރީލަންކަންގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު އިމިގްރޭޝަނުން އަދި ތައްޔާރުވެފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް ގަމުން ފަށަން އުޅޭ ކަމުގެ ވާހަކަތައް "ތުންތުން"މަތިން އަޑުއިވޭ ކަމަށެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ލިބިފައި ނުވާކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، އެއާލައިނަކުން ޓިކެޓް ވިއްކާ ހަބަރު ލިބޭކަމަށެވެ، ނަމަވެސް އެހެން އިވޭ އަޑަކަށް އިމިގްރޭޝަނުން އަދި އަމަލު ކުރާކަށް ނުޖެހޭ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބައަޑުއިވޭ ތުންތުން މަތިން ތިކަހަލަ ވާހަކައެއް. އެކަމަކު ރަސްމީކޮށް، އެނގިފައި ނެތް، ކީކޭތޯ، ސިވިލް އޭވިއޭޝަނުން ވިދާޅުވީ. އަޅުގަނޑުމެންނަކަށް ކޮންފާމް ހަބަރެއް ނޫން، އެކަމަށް އަޅުގަނޑުމެން ރެޑީވާންވެސް ޖެހޭނެ ނޫންތޯ، އަޅުގަނޑުމެންގެ ވެސް ރިކުއާމެންޓްސްތައްވެސް ހުންނާނެތާ، ޝެޑިއުލް ފްލައިޓަކަށް ދާން"

ހަލީލް ވިދާޅުވީ، މިކަމުގައި އިމިގްރޭޝަނުން ހުރި ވަސީލަތްތައް ބޭނުްކޮށްގެންވެސް ބެލޭނީ މިކަމުގައި ރަސްމީކޮށް މައުލޫމާތު ލިބިގެން ކަމަށެވެ.

ހަލީލް ވިދާޅުވީ، މީގެ ކުރިން ގަމުން ކޮލަމްބޯއަށް ކުރި ދަތުރު ތަކަކީ ދުރާލާ އެކަމުގެ މައުލޫމާތު ލިބިގެން ތައްޔާރުވެގެން ބޭއްވުނު ދަތުރުތަކެއް ކަމަށެވެ.

ހަލީލް ވިދާޅުވީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ދަތުރު ފަށަން ތައްޔާރުކަމަށް އަދި ދަންނަވަން ނޭގޭ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅުން ހުރި މަސައްކަތް ކުރަމުން އަންނަކަމަށް ހަލީލް ވިދާޅުވިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމާއި/ ކޮލަމްބޯ އާއި ދެމެދު ދަތުރު ފެއްޓުމަށް ސްރީލަންކަންއިން އައްޑޫ އިންޓަނޭޝަލް އެއާޕޯޓާއި، ސަރުކާރުގެ ކަމާއި ބެހޭ އިދާރާ ތަކާއި މަޝްވަރާ ކުރަމުން އަންނަތާ މަސްތަކެް ވެއްޖެއެވެ. އަދި ސިވިލް އޭވިއޭޝަންގެ ހުއްދައަށް ސްރީލަންކަންއިން އެދިފައިވާތާ މަސް ދުވަސް ވެއްޖެއެވެ.

ސްރީލަންކަންގެ މައުލޫމާތު އެގޭ މީހަކު "އައްޑޫލައިވް"އަށް ބުނީ ޓިކެޓް ވިއްކަން އެއާލައިންއިން ހުޅުވާލީ އެކަމަށް ހުއްދަތަކެއް ލިބުމާއި ގުޅިގެންކަމަށެވެ. އަދި އެކަމަށް ސްރީލަންކަންއިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ.

ގަމުން ކޮލަމްބޯއަށް ސީދާ ދަތުރު ފެއްޓުމަށް ޓިކެޓް ވިއްކަން ފެށުމާއި ގުޅިގެން އެތައް ބަޔަކު ވަނީ ޓިކެޓް ނަގާފައެވެ. އައްޑޫ، ފުވައްމުލައް އަދި ހުވަދޫން މީހުން ވަނީ ޓިކެޓް ނަގައި ދަތުރައް ތައްޔާރުވެފައެވެ.

ގަން އެއާޕޯޓްގެ އާ ރަންވޭ މިމަހުގެ 15 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ހުޅުއްވައިދެއްވާ އިރު އަދިވެސް ދަތުރުފެށޭނެ ތޯ، ނުވަތަ ނޫންތޯ ރައްޔިތުން މިދަނީ ސުވާލު ކުރަމުންނެވެ. އެފަދަ މީހުންގެ ސުވާލުތަކަށް ޖަވާބެއް ލިބިގެންދަނީ އިމިގްރޭޝަނުން މިކަމަށް ތައްޔާރުވެފައި ނެތުމާއި އެކީގައެވެ.