Last Updated: June 28, 04:10
Sunday, June 28, 2026
ސިޔާސީ

ސަލީމަށް "ގޮތް ހުސްވެ" ރައީސް ޔާމީން ފަޅިއަށް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމް މައުމޫނަށް ކުރި ތާއީދު އަނބުރާ ގެންގޮސް ރައީސް ޔާމީނާ އެއްކޮޅަށް އެނެއްކާވެސް އަރައިފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ސަލީމާއެކު އޭނާގެ ވިޔަފާރިތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބާރަޝު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުވެސް ވަނީ އަނބުރާ ރައީސް ޔާމީނަށް ތާއީދުކުރާ ކަމަށް ނިންމައި ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައެވެ.

މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުވެސް ބައިވެރިވެފައިވެއެވެ. ޒަމީރަކީ ރައީސް ޔާމީން ފެކްޝަނުން އައްޔަން ކޮށްފައިވާ ޕާޓީގެ ނައިބު ރައީސްއެވެ.

ރެޑްވޭވް ސަލީމްގެ ކުއްލި އެނބުރި އައުން ގިނަ ބަޔަކު ހައިރާން ކޮށްލާފައިވާއިރު އޭނާގެ ވިޔަފާރިއަށް ސަރުކާރުގެ ފަރާތުން ގިނަ ފިއްތުންތަކެއް ކުރިމަތި ކުރުވަމުން ދާކަމަށް ސަލީމް ބުނެފައިވާކަމަށް ޚަބަރު ފެތުރިފައިވެއެވެ.

އެގޮތުން ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފައިވާ ކެފޭ އެއްގެ ހުއްދަ ހެލްތު މިނިސްޓްރީ އިން ނުދީ ހިފަހައްޓާފައިވާތީ އެކަމަށްވެސް ސަލީމް ވަނީ ފާޑު ކިޔައި، ސިޔާސީ ގޮތުން ކުރިމަތިކުރުވާ ފިއްތުމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ސަލީމްގެ ކެފޭ ނުހުޅުވި ލަސްވަމުންދާތީ ކެފޭ އަށާއި އެއްޗެހި ބެހެއްޓުމަށް ކުއްޔަށް ދީފައިވާ ބިންތައް ސަރުކާރަށް ނެގުމަށް ހައުސިންގ މިނިސްޓްރީ އިންވެސް ވަނީ ދާދި ފަހަކުން ރެޑްވޭވް ކުންފުންޏަށް އަންގާފައެވެ.