ނޭޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގައި ޝާއިރު ކުރެވުނު ފޮޓޯގައި ހުންނަ އަފްޣާނިސްތާނުގެ އަންހެނެއް ކަމަށްވާ ޝަރްބަތު ގުލާ ޕާކިސްތާނުގެ އޮފިޝަލުން ބުދަ ދުވަހު ޑީޕޯޓްކޮށްފިއެވެ.
އޭނާ ޑީޕޯޓްކޮށްފައިވަނީ ވަގު އައިޑީ ކަރުދާސްތަކެއް ގެންގުޅުމުގެ ކުށުގައެވެ.
ވަރަށް ރީތި ފެހި ލޮލެއްގެ ވެރި ޝަރްބަތު ގުލާގެ ފޮޓޯ އެންމެ ފުރަތަމަ ނަގާފައިވަނީ 1984 ވަނަ އަހަރު ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕްއެއްގައި އުޅެނިކޮށް، ނޫސްވެރިޔާ ސްޓީވް މެކްކަރީއެވެ. އޭނާއަށް ހެޕަޓައިޓިސް ސީ ޖެހިގެން ފަރުވާ ދެމުންދިޔަ ހޮސްޕިޓަލުން އޭނާ ދޫކުރުމުން، ރޭދަންވަރު އޭނާވަނީ ޕާކިސްތާނުގެ ބޯޑަރާއި ހަމައަށް ގެންގޮސްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
"އަޅުގަނޑުމެން ޝަރްބަތު ގުލާ ޕާކިސްތާނަށް ޑީޕޯޓް ކޮށްފިން. އޭނާވަނީ ބޯޑާ ހުރަސްކޮށް ރޭ ދަންވަރު ގާތްގަނޑަކަށް 02:30 އެހާކަށް ހާއިރު އަފްޣާނިސްތާނަށް ގޮސްފަ. އޭނާއާއި އެކު އޭނާގެ ހަތަރު ކުދިންވެސް ދިޔަ"، ޓޯކްހަމް އަވަށުގެ އެޑްމިނިސްޓްރޭޝަން އޮފިޝަލަކު އޭއެފްޕީއަށް މަޢުލޫމާތު ދިނެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ދެވަނަ އޮފިޝަލަކު ވަނީ 45 އަހަރުގެ ގުލާ އޭނާގެ ޤައުމަށް އަނބުރާ ފޮނުވާލެވުނުކަން ކަށަވަރު ކޮށްދީފައެވެ. އޭނާއާއިއެކު އަފްޣާން އެމްބަސީގެ އޮފިޝަލުންވެސް ދިޔައެވެ.
އޭއެފްޕީއާއި މިދިޔަ ހަފްތާގައި ވާހަކަ ދައްކަމުން ގުލާ ބުނީ އެނބުރި ދާންޖެހުމުން އޭނާ ވަރަށް ހިތާމަ ކުރާކަމަށެވެ.
"އަފްޣާނިސްތާނަކީ ހަމައެކަނި އަހަރެން އުފަންވިތަން. އެކަމަކު ޕާކިސްތާނަކީ އަހަރެންގެ ގެ އަދި އަހަރެން އަބަދުވެސް އެއީ އަމިއްލަ ޤައުމުގެ ގޮތުގައި ދެކުނިން. އަހަރެން ނިންމައިގެން ހުރީ ޕާކިސްތާނުގައި ދިރިއުޅެ މަރުވެސްވާން އެކަމަކު އެމީހުން އަހަންނާއިމެދު ކަންތައް ކުރީ އެންމެ ގޯސްކޮށް. އަހަރެން އެތާނގައި (އަފްޣާނިސްތާނުގައި) އުފަންވީ އަހަރެންގެ ކުށެއް ނޫން. އަހަރެން މިހިރީ ވަރަށް ދެރަވެފަ. ދޫކޮށް ދިއުން ނޫން އެހެން ގޮތެއް އަހަންނަކަށް ނެތް"، އޭނާ ބުންޏެވެ.
ގުލާ ބުނީ އޭނާ އެންމެ ފުރަތަމަ ޕާކިސްތާނައަށް އައީ 1979 ވަނަ އަހަރު ކަމަށާއި އެއިރު އޭނާއަކީ ޔަތީމެއް ކަމަށެވެ. އެއީ ސޯވިއެޓްއިން އަފްޣާނިސްތާން ހިސާރުކުރިތާ ހަތަރު ފަސް އަހަރު ފަހެވެ. ގުލާއަކީ ބޯޑާ ހުރަސްކޮށް ޕާކިސްތާނަށް އައި އެތައް މިލިއަން ރެފިއުޖީންތަކު ތެރެއިން އެކަކެވެ.
ޖުލައި މަހުން ފެށިގެން އެތައް ހާސް މީހުންނެއް ވަނީ އަފްޣާނިސްތާނަށް އަނބުރާ ގޮސްފައެވެ. ޕާކިސްތާނުން ވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހުރިހާ އަފްޣާން ރެފިއުޖީންތައް އެނބުރި ޤައުމަށް ދިއުމަށް އަންގާފައެވެ.
މިދިޔަ މަހު އދ ގެ ހައި ކޮމިޝަނާ ފޯ ރެފިއުޖީސް ވިދާޅުވީ 2016 ވަނަ އަހަރު 350،000 އަށްވުރެ ގިނަ އަފްޣާން ރެފިއުޖީން ޕާކިސްތާނުން އެނބުރި ޤައުމަށް ގޮސްފި ކަމަށެވެ. މިއަހަރުގެ ނިޔަލަށް އިތުރު 446،000 ރެފިއުޖީން ޕާކިސްތާން ދޫކޮށް ދާނެކަމަށް ލަފާކުރެވެއެވެ.