Last Updated: June 28, 04:10
Sunday, June 28, 2026
ކުޅިވަރު

ޒެފިއާ ފުޓްސަލް ކަޕް ފަށަން ތައްޔާރުވަނީ

ހިތަދޫ ފުޓުބޯޅަ ކުލަބެއް ކަމަށްވާ އެފްސީ ޒެފިއާ އިން ހިތަދޫގެ ޓީމުތަކަށް ހުޅުވާލައިގެން ފުޓްސަލް ކަޕެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ކުލަބުން މައުލޫމާތު ދީފައިވާ ގޮތުގައި ޒެފިއާ ފުޓްސަލް ކަޕް 2016 ގެ ނަމުގައި ބާއްވާ މިމުބާރާތް ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ކުލަބުން ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމު ދޫކުރުން މިއަދުން ފެށިގެން އާއްދީއްތަ ދުވަހާއި ހަމައަށް މާޒިޔާ ޓްރޭޑާސް 5 އިން ލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ.

އެފްސީ ޒެފިއާ އިން މައުލޫމާތު ދީފައިވާގޮތުގައި މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ މިދަނޑަކީ މާޒީގައިވެސް ޒެފިއާ އިން އިންތިޒާމް ކޮށްގެން ބާއްވާފައިވާ މިފަދަ މުބާރަތްތައް ބާއްވާފައިވާ ދަނޑެކެވެ. ނަމަވެސް މިއީ މިފަދަ ބޮޑު މުބާރާތެއް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފަހަރެވެ.

މުބާރާތާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރުމަށް 7666444 އަދި 7618691 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށް ކުލަބުން ވަނީ އެދިފައެވެ.