ކުރިއަށް އޮތް ވޯލްޑް ކަޕުގެ ކޮލިފައި ރައުންޑުގައި އިނގިރޭސިންނާއި ސްކޮޓުލޭންޑު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިން އިނގިރޭސިން މޮޅުވެއްޖެ އެވެ.
އިނގިރޭސި ގައުމީ ދަނޑުގައި ކުޅުނު މިމެޗުގައި އިނގިރޭސިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޑެނިއަލް ސްޓަރިޖް ޖެހި ގޯލަކާއެކު މެޗުގެ ކުރީ ކޮޅު އެމީހުން ބޭނުންވި ލީޑު ލިބުނެވެ.
ފުރަތަމަ ހާފު 0-1 އިން ނިމިފައިވާއިރު މެޗުގެ ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ކާމިޔާބުކޮށްފައިވަނީ އަނެއްކާވެސް ލިވަޕޫލްގެ ކުޅުންތެރިޔެއް ކަމަށްވާ އެޑަމް ލަލާނާއެވެ. އޭނާގެ ގޯލަށްފަހު 61 ވަނަ މިނެޓުގައި ލީޑު ފުޅާކޮށް މެޗު ޔަގީން ކޮށްދީފައިވަނީ ޑިފެންޑަރު ގެރީ ކެހިލްއެވެ.
މެޗުގައި ސްކޮޓްލެންޑަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އިންގްލެންޑުގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނިމިގެން ދިޔަ ޔޫރޯ މުބާރާތުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ކުޅުންތެރިން ވަނީ އެކަން ފޫބެއްދުމަށް ވޯލްޑު ކަޕަށް ޓީމު ކޮލިފައި ކުރުމަށް ވެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
ރޭގައި ކުޅުނު އިތުރު ކޮލިފައި މެޗުތަކަށް ބަލާއިރު ފްރާންސާއި ސްވިޑެން ބައްދަލުކުރި މެޗު ފްރާންސް ވަނީ 1-2 އިން ކާމިޔާބުކޮށްފައެވެ. ޗެކު ރިޕަބްލިކާއި ނޯވޭ ބައްދަލުކުރި މެޗު ޗެކް ކާމިޔާބުކޮށްފައިވަނީ ވެސް ހަމަ އެސްކޯއިންނެވެ.
ޖަރުމަނުވިލާތާއި ސެން މަރީނޯ ބައްދަލު ކުރި މެޗު ޖަރުމަނު ވަނީ 0-8 ގެ ބޮޑު ނަތީޖާއިން ކާމިޔާބުކޮށްފައެވެ. މިމެޗުގައި ސާޖް ނަބްރީ ވަނީ ހެޓްރިކު ހަދާފައެވެ.