ދިވެހި ފުޓުބޯޅައިގައި ރަން ވަނަތަކެއް ހޯދި ވެލެންސިޔާ ފަނޑު 8 އަހަރުގެ ދިގު މުއްދަތަކަށް ފަހު ދިވެހި އެފްއޭ ކަޕު ކާމިޔާބުކޮށްފި އެވެ.
ރޭ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިއަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ނިކުމެ ވެލެންސިއާ މެޗު ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. ކުލަބުގެ މިކާމިޔާބީ އަށްފަހު ކޯޗު މުހައްމަދު އިގުބާލު ބުނެފައިވަނީ ކުޅުންތެރިންގެ އަޒުމް ވަރުގަދަ ކަމަށެވެ. މެނޭޖްމެންޓުގެ އެއްބާރުލުމާއެކު މާޒިޔާ ރާއްޖޭގެ ފުޓުބޯޅައިގެ ކުރީ ސަފަށް އެނބުރި އަންނާނެ ކަމުގެ ހުވަފެން އޭނާ ދެކޭކަމަށް އިގުބާލް ބުނެފައިވެއެވެ.
މެޗުގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ވެލެންސިއާ އަށް ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ހަސަން އަދުހަމެވެ. ގޯލަށްފަހު ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުތައް ބޭކާރުވެ ވެލެންސިއާ ވަނީ 38 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. އަހުމަދު ރިލްވާން ކުރި އެސިސްޓަކުން ގޯލު ޖަހާފައިވަނީ ހުސެން ނިހާނެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ޓީސީގެ އަލީ ނާފިއު ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ހަނިކޮށްފައެވެ. ނަމަވެސް ވެލެންސިއާ ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފުގެ ކުރީ ކޮޅު ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. މިގޯލުވެސް ޖަހާފައިވަނީ އަދުހަމެވެ.
ލީގުގައި މިސީޒަނުގައި ވެލެންސިއާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަކަމަށް އިގުބާލް ވަނީ އެއްބަސް ވެފައެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންނާ ކޯޗުން އަދި މެނޭޖްމެންޓުންވެސް ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް ކުރިމަތި ވުމުން ކޮންމެ ޓީމަކަށްވެސް ދަތިތަކާ ކުރިމަތި ލާން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެފްއޭ ކަޕަށް އެހުރިހާ މައްސަލަތަކެއް ހައްލުކޮށް ނިކުތުމުން އަސްލު ވެލެންސިއާގެ ފެންވަރު ފެނިގެންގޮސްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ލީގުގައި ގިނަ ދުވަސްތަކެއް މޮޅަކާ ނުލާ ކުރިއަށް ގެންދިޔަ ވެލެންސިއާ މުބާރާތަށް ދިއުމުން އެއްވެސް ބަޔަކު އެއީ ޗެމްޕިއަން ސަފުގެ ޓީމެއް ކަމަށް ދެކިފައިނުވެއެވެ.
ނަމަވެސް ކުއާޓާ ފައިނަލުގައި ވިކްޓްރީ ބަލިކުރެވުމުން ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ކުޅުންތެރިންނާއި ކޯޗުންގެ ފަރާތުން ތަށި ހޯދުމަށް އާ ޖޯޝަކާއި ހިތްވަރެއް ލެވުނު ކަމަށް ކޯޗު ވަނީ ބުނެފައެވެ.
އުއްމީދަކީ އޭއެފްސީ ކަޕުގައި ރާއްޖެ ފަޚުރުވެރިވާ ވަނައެއް ހޯދުމަށް ކަމަށާއި އެކަން ހާސިލުކުރުމަށް ކުޅުންތެރިންނާއި މެނޭޖްމަންޓުން މިހާރަށްވުރެ ދެގުނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
އަދި މުބާރާތުގައި ކުރިއަށް ދިއުމަށް މިހާރު ތިބި ތަޖުރިބާކާރު ކުޅުންތެރިން ކުލަބުގައި މަޑުކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ލީގުގައި ގަދަ ހަތަރަކުން ޖާގައެއް ލިބިފައިނުވާތީ ވެލެންސިއާއަށް ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕުން ޖާގައެއް ނުލިބި އެފްއޭ ކަޕާއެކު ސީޒަން ވަނީ ނިމިފައެވެ. ނަމަވެސް ކާމިޔާބުކުރެވުނު ތަށްޓާއެކު އޭއެފްސީ ކަޕަށް ކޮލިފައިވެ ޓީމު އޮތީ ވަރަށް ރަނގަޅު ސްޓޭޖެއްގައި ކަމަށް ކޯޗު އިގުބާލު ބުނެފައިވެއެވެ.