ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަރުން ށ. ފީވަކުގައި އެމްއެންޑީއެފް އިން ތަޢާރަފްކޮށްފި އެވެ.
ރޭ ފީވަކުގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަރުން ތަޢާރަފްކޮށް އިފްތިތާޙުކޮށް ދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ.
ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަރުންނަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު މީގެ ދުވަސްކޮޅެއް ކުރިން އުފެއްދި ފަޔަ ފައިޓަރުންނެވެ. މިގޮތުން އެ ފަޔަ ފައިޓަރުން މަސައްކަތް ކުރާނެ އިކުއިޕްމަންޓާއި އާލާތްތައް ހުރި މިންވަރަކުން ވަނީ ހަވާލުކޮށް ދެއްވާފަ އެވެ.
ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަރުން އުފެއްދުމަށް އެމްއެންޑީއެފްއިން ވަނީ ހަތަރު ފުރޮޅުލީ ކުޑަ ވެހިކަލްއަކާއި އަދި ފަޔަ ޕަންޕަކާއި އަލިފާން ނިއްވަން ބޭނުން ކުރާނެ ހޮޅިތަކެއް ވެސް ފީވަކަށް ހަދިޔާކޮށް އެރަށުގައި ފަޔަ ފައިޓިންގ ކުޑަ ޔުނިޓެއް ޤާއިމުކޮށްފަ އެވެ.
ފަޔަ ފައިޓިން ޔުނިޓެއް ފީވަކުގައި ޤާއިމު ކުރުމާ ގުޅިގެން އެރަށު ރައްޔިތުންގެ ފަރާތުން ޗީފް އޮފް ޑިފެންސްފޯ އަށް އަދި ޚާއްޞަކޮށް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމްއަށާއި އެމްއެންޑީއެފްއަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ފަޔަ ފައިޓިން ކޯހެއް ހިންގާ ރާއްޖޭގައި ފުރަތަމަ ކޮމިއުނިޓީ ވޮލަންޓިއަސް ފަޔަ ފައިޓަރުން އުފެދިގެން މިދިޔައީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފަ އެވެ.