Last Updated: June 28, 04:10
Sunday, June 28, 2026
ސިޔާސީ

އެމްޑީޕީން ވަކި ކުރުމުން އަލްހާން ކޯޓަށް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ޕާޓީން ވަކިކޮށްފައިވަނީ ގާނޫނީ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އަލްހާން ޕާޓީއިން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ނިންމާފައިވާއިރު އޭނާ ވަނީ އެނިންމުމަށް ފާޑު ކިޔާފައެވެ.

ސިވިލް ކޯޓަށް އަލްހާން ހުށައެޅި މައްސަލަ ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނުގައި މާދަމާގެ 14:30 ވަނީ ތާވަލުކޮށްފައެވެ. މިމަރުހަލާގައި މައްސަލަ ނުވެއްޖެނަމަ މައްސަލަ ދެން ދާނީ ޝަރީއަތަށެވެ.

އަލްހާން ފަހުމީ ޕާޓީގެ ވިސްނުމާއި ހިލާފަށް ޕާޓީގެ ނަން ބޭނުންކުރަމުންދާތީ އެޕާޓީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހަދައި އޭނާއާ މެދު ފިޔަވަޅު އަޅާދިނުމަށް އެކޮމިޓީއަށް ފޮނުވާފައިވެއެވެ.

ކޮމިޓީއިން ވަނީ އަލްހާންގެ އަމަލުތައް ފަހަކަށް އައިސް ހުންނަ ގޮތުން ޕާޓީއަށް އެއްވެސް ލާބައެއް ނެތް ކަމަށް، އަދި އޭގެ ސަބަބުން ޕާޓީއަށް ގެއްލުން ލިބެމުންދާކަމަށް ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ޕާޓީގެ ގުނަވަންތަކުން ފާސްކޮށް "މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން' ގެ ނަމުގައި ހިންގަމުންދާ އިއްތިހާދު ގަބޫލުނުކޮށް އެއިއްތިހާދަށް ފާޑު ކިޔުމާއި ބަދުބަސް ބުނެ، ޕާޓީގެ މެމްބަރެއް ނޫން ބޭފުޅަކާއެކު ޕްރެސް ކޮންފަރެންސް ބާއްވައި، ޕާޓީގެ އިދާރީ އޮފީހަށް ވަދެ ހަމަނުޖެހުން އުފެއްދުން ހިމެނެއެވެ.

މިފަދަ ކަންތައްތައް ތަކުރާރުކޮށް އަލްހާނުގެ ފަރާތުން ފެންނަމުންދާތީ އާއި އެއަމަލުތަކުން ޕާޓީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމީޓީއިން ވަނީ އަލްހާން އަކީ ޕާޓީގެ މެމްބަރެއް ނޫން ކަމަށް ކަނޑައަޅައި ޕާޓީއިން ވަކިކޮށްފައެވެ.

ޑީއާރްޕީގެ ކެންޑިޑެންސީގައި 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވުމަށްފަހު އަލްހާން ވަނީ ޑީއާރުޕީ ދޫކޮށް އެމްޑީޕީއާއި ގުޅިވަޑައިގެން ފުރިހަމަ ތާއީދާއެކު ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހޮވިފައެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުމަށް ފަހު އަލްހާން ވަނީ އެމްޑީޕީ ދޫކުރައްވައި ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. މިހާރު އަނެއްކާ އެމްޑީޕީ އަށް އެނބުރި އައިސް ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި ޕާޓީ އިސްލާހު ކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ އިއުލާންކޮށްފައެވެ.