Last Updated: June 26, 11:11
Friday, June 26, 2026
ސިޔާސީ

ބޭނުން ވަނީ ޒުވާން ފުއްލާއެއްގެ ސްޕީޑް: ޔާމީން

ދުވާފަރު ޖަލްސާގައި ރޭ ރައިސް ވާހަކަ ދައްކަވަނީ. ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވަނީ ޒުވާން ފުއްލާއެއްގެ ސްޕީޑްކަމަށާއި، މުސްކުރި ސާރިދޯޅީގެ ސްޕިޑްގައި ތަރައްޤީ ނުގެނެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި އަސްލު ރ. އަތޮޅު ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަސް ދުވެލީގައި ތަރައްޤީއަށް ވާސިލްވާން މަސައްކަތް ކުރުމުން ގައުމު ދާނީ ބާކީވެގެންކަމަށެވެ. އެހެންވެ ދުނިޔޭގެ ކުރިރާފައިވާ ގައުމުތަކާއި އެކު ތަރައްޤީއަށް ވާސިލް ވުމުގައި ހަލުވި ދުވެލި ބޭނުން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނެތް ދުވަސްވެފައި އޮތް ސާރިދޯޅެއްގެ ލަސްކަން މަތީގައި ތިބެވޭކަށް ޖާގައެއް. އަޅުގަނޑުމެން ޖާގަ ހޯދަން މިޖެހެނީ ޅަނދޮޅު ފުއްލާގެ ބާރުން. މި ޖާގަ ނުހޯދޭ ކަމަށް ވަންޏާ ބަޖެޓްގެ ބުރަހެލިކަމާ އެކީ ސަރުކާރުގެ ވިސްނުމަކަށް އަދި ރައްޔިތުންގެ އުއްމީދަކަށް ފުރުސަތެއް ނެތް. އަދި ކުރިއަރަމުންދާ ގައުމުތަކުގެ ތަރައްގީއާ އަރާ ހަމަ ނުކުރެވޭތީ ސަފުން ބާކީވެގެން މިދަނީ. ޝިކާރަވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ ޝިކާރަ ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެހެން ތަންތަނުގެ ފަހަތުން ގޮސް ޝިކާރަ ކުރަން."

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް މިހާރު ދަތުރުކުރަމުން ދަނީ ގަދަކަނޑެއްގައި ކަމަށެވެ. އަދި މިކަނޑުގައި ދަތުރުކުރެވޭނެ ހިތްވަރު ޕާޓީގައި ހުރިކަމަށް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް އަމާޒުކޮށް ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިމެނުމުގެ މައިގަނޑު ސަބަބަކީ ތަރައްޤީގެ ދުވެލި އަވަސް ކުރުން ކަމަށެވެ.