Last Updated: June 28, 04:10
Sunday, June 28, 2026
ސިޔާސީ

ނަޝީދުގެ ޕްރެސް ސެކެޓްރީ ބަންދުގައި ހާޒިރު ކުރަން އަމުރެއް

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޕްރެސް ސެކެޓްރީގެ މަގާމުގައި ހުންނެވި މުހައްމަދު ޒުހައިރު ބަންދުގައި ހައްޔަރުކޮށްގެން ގެނައުމަށް ސިވިލް ކޯޓުން ދިވެހި ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

އެކޯޓަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ޒުހައިރު ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު ޒުހައިރު ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ އިތުރު ބަޔަކުވެސް ބަންދުގައި ހާޒިރުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވާ އިތުރު ދެ މީހުންނަކީ ގދ.ގައްދޫ ކާށިދޫގެ އަލީ މުހައްމަދާއި، މ.މަޑުއްވަރީ ހަވީރީނާޒް، މުހައްމަދު އިޝާމެވެ.

މިދެމީހުންނަކީވެސް ސިވިލް ކޯޓުގެ އަމުރަކަށް ހޯދަމުންދާ ދެމީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު އެމީހުން ހޯދާ މައްސަލައަކާއި ބެހޭ ތަފްސީލެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.