Last Updated: July 1, 14:02
Wednesday, July 1, 2026
ރިޕޯޓް

ތުންފަތަށް ޤުދުރަތީ ރަތްކަން ގެނެސް ދޭނީ ކިހިނެއް؟

ފޮޓޯ: ޔޫޓިއުބް

އާންމުކޮށް ހުރިހާ އަންހެނުންވެސް ބޭނުންވާނީ ތާޒާ، އޮމާން އަދި ފިޔާތޮށި ނުވަތަ ރަތް ކުލައިގެ ތުންފަތެކެވެ. އެހެންކަމުން ލިޕްސްޓިކްއާއި އެފަދަ މޭކަޕްގެ ސާމާނުތައް މީހުން ބޭނުންކުރާ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

އެހެން ނަމަވެސް، ލިޕްބާމް ނުވަތަ ލިޕްސްޓިކް އެކަނި ބޭނުންކޮށްގެން ތުންފަތް ރަތް ނުވާނެއެވެ. ތިރީގައި މިވަނީ އާޓިފިޝަލް ޕްރޮޑަކްޓްތައް ބޭނުން ނުކޮށް، ޤުދުރަތީ ގޮތުން ރަތް ކުލައިގެ ތުންފަތެއް ހޯދޭނެ ގޮތްތަކެވެ.

ތުންފަތް ހިކި، ހަރުވެފައިވާނަމަ ޤުދުރަތީ ސްކްރަބްއެއް ބޭނުންކޮށްގެން ހިކި ހަންތައް ނައްތާލާށެވެ. އެގޮތުން އެއް ސައިސަމުސާ މާމުއިއާއި ބްރައުން ހަކުރު އެއްކޮށްލުމަށްފަހު ތުންފަތުގައި ހާކާލާށެވެ. ތުންފަތުގައި އެސްކްރަބް އުނގުޅާއިރު، ވަށްބުރުތަކެއްގައި އުނގުޅާށެވެ. އެއަށްފަހު ހޫނު ފެނުން ދޮވެލާށެވެ. އަދި ހަމަ އެހެންމެ ސާފު ދަތްއުނގުޅާ ބުރުހެއް ބޭނުންކޮށްގެންވެސް ތުންފަތުގައި ހިކިފައި ހުންނަ ހަންތައް ކަހާލެވޭނެއެވެ. އަދި އެއަށްފަހު ހޫނު ފެނުން ތުންފަތް ދޮވެލާށެވެ.

ތުންފަތް މަޑުކޮށް ބެހެއްޓުމަށްޓަކައި ސީރަމްއެއް ބޭނުންކުރާށެވެ. އެގޮތުން ކާށިތެޔޮ، އެލްމަންޑް ތެޔޮ ނުވަތަ ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ތުންފަތުގައި ތެޔޮލާށެވެ. އޮމާން މަޑު ތުންފަތަކަށްޓަކައި އަނެއް ދުވަހު ހެނދުނު ތުންފަތް ސާފު ފެނުން ދޮވެލާށެވެ.

ތުންފަތް ރަތްކުރުމަށްޓަކައި ކުރެވޭނެ އަނެއް ކަމަކީ ޕްލަމްޕް ކުރުމެވެ. ގޭގައި ޤުދުރަތީ ޕްލަމްޕާއެއް ހެދިދާނެއެވެ. އެގޮތުން ¼ ސައިސަމުސާ ފޮނިތޮށިއާއި ޒައިތޫނި ތެޔޮ އެއްކުރުމަށްފަހު ތުންފަތުގައި އުނގުޅާށެވެ. އަދި ހަތަރު ފަސް މިނެޓް ވަންދެން ބަހައްޓާށެވެ.

ކުޑަ ކަފަކޮޅެއް ސްޓްރޯބެރީ، ކްރޭންބެރީ ނުވަތަ ޗެރީފަދަ ރަތް މޭވާ ޖޫހުން ތެތްކޮށްލުމަށްފަހު ތުންފަތުގައި މަޑުމަޑުން ހާކާލާށެވެ.

ބީޓްރޫޓްގެ އެތެރޭގައި ހުންނަ ފަށަލަވެސް ތުންފަތުގައި ހޭކުމަކީ ރަނގަޅު ކަމެކެވެ. އިރުކޮޅަކަށް ބެހެއްޓުމަށްފަހު ލިޕް ބާމްއެއް އޭގެމަތީގައި ބޭނުންކުރާށެވެ.

ވީމާ، ފިހާރަތަކުން ގަންނަ ކޮސްމެޓިކްގެ ބާވަތްތަކަށްވުރެ، ގޭގައި މިފަދަ ކަންތައްތައް ކޮށްގެން ޤުދުރަތީ ރަތް ތުންފަތެއް ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.