ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދައުލަތުގެ ފައިސާއިން ޚިޔާނަތްތެރިވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އަދީބާއި ޒިޔަތުއާއި ދެކޮޅަށް އިއްވި ހުކުމްގައި ޅ.މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރުމުން އެކިއުސިޝަން ކޮސްޓުގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބުނު 5 މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވުމުގައި އަދީބާއި ޒިޔަތު ބައިވެރިވެފައިވާކަމަށް ހެކިތަކުން ސާބިތުވެފައިވާ ކަމަށެވެ.
ހުކުމްގައި ކުރެއްދޫ ހޯލްޑިންގްސ އިން ދޫކުރި 5 މިލިޔަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުވެފައިވާކަމާއި އޭނާ އެޗެކް އަދީބާއި ހަވާލުކުރިކަމަށް ލިބުނު ހެކިތަކުން ސާބިތުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި މ.ޝުރާމަންޒިލް ހާމިދު އިސްމާއީލްވެސް އެ ޚިޔާނާތުގައި ބައިވެރިވެފައިވާކަން ސާބިތުވެ އޭނާއަށްވެސް ވަނީ ދެ އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވިފައެވެ.
ކޯޓުން ކުރި ހުކުމްގައި އަދީބާއި ޒިޔަތު ދައުލަތުގެ ފައިސާއިން ޚިޔާނާތްވުމުގެ ކުށް ސާބިތުވެ އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.