ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހު އައްޑު އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅު ކެންސަލް ކުރައްވާފައި ވަނީ އެ މަނިކުފާން އިފްތިތާހް ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް މުޅިން ނިމިފައި ނުވާތީ އެވެ.
ރައީސްގެ ދަތުރުފުޅުގައި ގަމުގެ ވައިގެ ބަނދަރުގެ އާ ރަންވޭ އާއި ސީ ޕްލޭން ދަތުރުތައް އިފްތިތާހް ކުރެއްވުމަށް ދައުވަތު ކާޑު ވެސް ވަނީ ފޮނުއްވާފަ އެވެ.
ދައުވަތު ކާޑްގައިވާ ގޮތުން ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު މެންދުރު 1:45 ގަ އެވެ.
ރައީސް އައްޑު އަށް ކުރައްވާ ދަތުރުފުޅުގެ އެޖެންޑާގައިވާ ގޮތުން އެއާޕޯޓް އިފްތިތާހް ކުރެއްވުމަށް ފަހު، ހިތަދޫގެ އިސް ރަށްވެހިންނާއި، ޒުވާނުންނާއި ބައްދަލު ކުރެއްވުމަށް ފަހު، ދަތުރުފަތުރު އިފްތިތާހު ކުރެއްވުމާއި، ފޭދޫ ބިން ހިއްކުން ނިންމުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ރައީސްގެ ދަތުރުފުޅު ކެންސަލްކޮށްފައި މި ވަނީ އެމަނިކުފާނަށް ފޭސްބުކް މެދުވެރިކޮށް އިންޒާރެއް ދިން މައްސަލައެއް ވެސް ފުލުހުން ބަލަމުން ދަނިކޮށެވެ.
ދަތުރުފުޅު ކެންސަލް ކުރުމާ ގުޅޭ ގޮތުން އަދި ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.