ސަރުކާރުން އައްޑޫ ރައްޔިތުން ރުއްސަން ގެންގުޅޭ ދެތިން ކަމެއް އޮވެ އެވެ. ތިރީހަކަށް އަހަރުވަން ދެން ދެއްކީ އައްޑޫ ވިލިނިގިލި ރިސޯޓްގެ ވާހަކަ އެވެ.
ކޮންމެ ފަސް އަހަރަކުން އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޑޫއަށް ވަޑައިގަންނަވާއިރު ދައްކާން އޮންނަ ހަމައެކަނި ވާހަކަ އަކީ ވިލިނގިލި ރިސޯޓަކަށް ހެދުމުގެ ވާހަކައެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމެން ކައިރިވަމުން އައިއިރު، ވިލިނގިލި ރިސޯޓާއި އެކު ދެން ދައްކަން ފެށި ވާހަކައަކީ ގަމުގައި އިނގިރޭސިން ހެދި އެއާޕޯޓް ތަރައްޤީކޮށް، ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލާނެ ވާހަކަ އެވެ.
ރައީސް މައުމޫންގެ ދިގު ތިރީސް އަހަރު ނިމެނުން ދިޔަ އިރު ގަމުގެ ވައިގެ ބަނދަރާއި، ވިލިނގިލި ރިސޯޓަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔައެވެ.
މައުމޫންގެ ވެރިކަން ނިމުމުގެ ކުރިން އެމަނިކުފާން ގަން އެއާޕޯޓްގައި "އިންޓަނޭޝަނަލް" ބޯޑު އެޅުވިއެވެ. އިނގިރޭސިވިލާތުގެ ލަނގާން ކުންފުންޏާއި ހަވާލުކޮށްގެން ޓާމިނަލް ބޮޑުކުރިއެވެ.
ދެހާސް އަށް ވަނަ އަހަރުގެ ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިންއާއި ރައީސް މައުމޫން ކުރިމަތި ލެއްވީ، 2008 ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެއާޕޯޓް "އިންޓަނޭޝަނަލް" ކުރެއްވުމަށްފަހުއެވެ.
އިންޓަނޭޝަނަލް ބޯޑު އެއާޕޯޓްގައި އެޅުވުފަހުން ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައި ޝެޑިއުލް ފްލައިޓެއް ނުބޭއްވުނަސް ދޭތެރެއަކުން ޗާރަޓު ފްލައިޓެއް ގަމުގެ ރަންވޭގައި ޖެއްސިއެވެ. އެއީ މިޒާތުގެ "އިންޓަނެޝަނަލް" އެއާޕޯޓްތަކުގައި ދަތުރު އޮންނަ ގޮތެވެ.
އެއާޕޯޓް ތަރައްޤީވެ، ބައިނަލް އަގްވާމީ ދުނިޔެއަށް އައްޑޫ ހުޅުވިގެން ދިއުމަކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ. އެނޫން ގޮތަކަށް އައްޑޫއަށް ތަރައްޤީއެއް ނެތްކަން އައްޑޫގެ ކުދިބޮޑު އެންމެން ބުނެއެވެ.
އެހެންވެ ކޮންމެ ސިޔާސީ ވެރިއެއްގެ ގާތުންވެސް އައްޑޫ ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ އެއާޕޯޓް ތަރައްޤީކޮށް، އެތަނަށް ޝެޑިއުލް ދަތުރުތައް ފަށައި ދިނުމެވެ.
2012 ވަނަ އަހަރު ވަރަށް ބޮޑެތި ގޮން ޖެހުންތަކާއި އެކު ގަމުގެ އެއާޕޯޓް ރަންވޭ ދިގުކުރުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ އޭރުގެ ރައީސް ޑރ. ވަޙީދުއެވެ.
ވަހީދު އެމަސައްކަތް ފައްޓަވައިދެއްވީ އޭރު އެމަނިކުފާނަށް ބައިއަތު ހިއްޕަވައިގެން އޮތް ޕީޕީއެމްގެ ބައެއް ބޭފުޅުންނާއި ދެކޮޅަށް ވަރަށް އުނދަގޫ ހާލުގައެވެ. އެމަސައްކަތް ފެށި މިހާރު ނިމިފައިވާއިރު އެތަން މިހާރު އޮތް ގޮތުގެ ވާހަކަ މިފަހަރު ނުދައްކާނަމެވެ.
މުހިއްމީ ދެވަނަ ފަހަރަށް ރައީސް މައުމޫންގެ ކޮއްކޯފުޅު ގަން އިންޓަނޭޝަނަލް އެއާޕޯޓް ހުޅުއްވާދެއްވާ ވާހަކައެވެ. އެންމެން ބަލަން މިތިބީ މިފަހަރު އެޅި ތާރުގަނޑުގައި ބައިނަލް އަގްވާމީ ޝެޑިއުލް ފްލައިޓް ޖައްސާ މަންޒަރަށެވެ. އެއާޕޯޓް ހުޅުވޭ ވާހަކަ އާއި އެކު ރައްޔިތުން އުންމީދުކޮށްގެން ތިބީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ފެށުމަށް އިއްލާން ކުރި ސްރީލަންކަންއިން ދަތުރު ފަށައިގަތުމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ކަމުގެ އުންމީދު މިހާރު ކުޑައެވެ.
އިވޭ އަޑުތަކަށް ބަލާއިރު ސްރީލަންކަންއަށް ޝެޑިއުލް ފްލައިޓް ބާއްވަން ހުއްދަ ނުލިބެއެވެ. ނަމަވެސް ދެމަސް ދުވަހަށް ޗާޓަރު ފްލައިޓް ބޭއްވުމަށް ހުއްދަ ދޭގޮތަކަށް ސަރުކާރުން އޮތީ ނިންމާފައެވެ.
އެއާޕޯޓް ތަރައްޤީވެ، ދެވަނަ ފަހަރަށް ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން އެއާޕޯޓް ހުޅުވަން މިމަހުގެ 15 ވަނަ ދުވަހަށް ތައްޔާރުވުމަށް ފަހު މިހާރު މިވަނީ ރައީސްގެ ދަތުރުފުޅު ކެންސަލްވެފަ އެވެ. އެހެންވެ އެއާޕޯޓް ރަސްމީކޮށް ނޮވެމްބަރު 15 ވަނަ ދުވަހު ހުޅުވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެ ރަސްމިއްޔާތު ފަސްވީ އެވެ.
ކޮންމެއަކަސް އައްޑޫ ރައްޔިތުން އުންމީދު ކުރާ ފަދަ ސްޕީޑެއްގައި އައްޑު އަށް ތަރައްޤީއެއް ނާދެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަށް އައްޑޫގެ ތަރައްޤީ ކުރިއަށް ދަނީ "މުސްކުޅި ސާރިދޯޅިއެއްގެ" ސްޕީޑްގަ އެވެ.
އެކަމަކު ރައްޔިތުން ބޭނުންވަނީ އެމަނިކުފާން ވިދާޅުވާ "ޒުވާން ފުއްލާގެ ސްޕީޑްގައި ތަރައްޤީ އައުމެވެ. ނަމަވެސް އަށް އަހަރު ތެރޭ ދެ ވަނަ ފަހަރަށް އެއާޕޯޓް ހުޅުވޭ އިރުވެސް ފެންނަނީ އެއް މަންޒަރެކެވެ.