ކުރިއަށް އޮތް 2017 ވަނަ އަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައެޅި ބަޖެޓުން ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަވެސް ނުދެވޭނަކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން ބަޖެޓާއި ބެހޭގުތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީ އިން މަޖިލީހަށް ހުށައެޅި ބަޖެޓަކީ ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރައަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި އޭގެ ސަބަބުން އަންނަ އަހަރު ޝަރުއީ ދާއިރާ ހުއްޓުމަކަށް އަންނާނެ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އެއިދާރާއިން އިން ފިނޭންސް އަށް ހުށައަޅާފައިވަނީ 475 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންންސް އިން މަޖިލީހަށް ފޮނުވި ބަޖެޓު ފޮނުވާފައިވަނީ 376 މިލިޔަނަށް ކުޑަކޮށްފައެވެ. ފަނޑިޔާރުންނާއި މުވައްޒިފުންގެ މުސާރައާއި އެލަވަންސުތަކުގެ ޖުމްލަ އަދަދު 378 މިލިޔަން ރުފިޔާއަށް އަރާއިރު ކަނޑައެޅި ބަޖެޓުން މުސާރައެކަނިވެސް ނުދެވޭނެއެވެ.
މީގެ އިތުރުން ބެޖެޓު ކުޑަ ކުރުމުގެ ސަބަބުން ކޯޓުތަކުގެ މަރާމާތުގެ މަސައްކަތާއި ފަނޑިޔާރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ތަކާއި ރަށްތަކުގައި މަސައްކަތް އަވަސްކުރުމަށް ކުރާ ދަތުރުތައްވެސް ހުއްޓުމަކަށް އަންނާނެ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއަހަރު ފަނޑިޔާރުންގެ އިންޝުއަރެންސް މަތިކޮށްފައިވާއިރު އިންޝުއަރެންސް ވެސް ބަޖެޓުން އުނިކޮށްފައިވުމުން އެއަށްވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
ޚަރަދު ކުޑަކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންތަކެއް ކޮށްފައި ފިނޭންސްއަށް ފޮނުވި 475 މިލިޔަން ރުފިޔާގެ ބަޖެޓަކީ މިއަހަރު ލިބުނު ބަޖެޓަށްވުރެ ވެސް ކުޑަ ބަޖެޓެކެވެ. ނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައި އޮތް ބަޖެޓަކީ ޝަރުއީ ދާއިރާ ނުހިންގޭނެ ބަޖެޓެއް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
ބަޖެޓަށް ގެނައި ބަދަލުތަކަށް ފަހު ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ ބަޖެޓު ބޮޑު ކުރުމުގެ އުސޫލު މުވައްސަސާ ތަކުން ދޫކޮށްލަން ޖެހޭ ކަމަށެވެ.