Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޑިއުޓީ ފްރީން "ވައްކަންކޮށްގެން" މީހަކު ހައްޔަރުކޮށްފި

ގަން އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލްގައި ހުންނަ އެމްވީކޭގެ ޑިއުޓީ ފްރީ ފަޅާލައިގެން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން މީގެ ދެ ދުވަސް ކުރިން ހައްޔަރު ކުރީ އެއާޕޯޓްގެ މުވައްޒަފެކެވެ.

އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެމްވީކޭގެ ޑިއުޓީ ފްރީ ފަޅާލައިގެން އެތަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ވެސް ހިމެނޭ ކަމަށް އެމްވީކޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެތަނުން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްގެން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ވެސް ވަނީ ކުރިން ކަށަވަރުކޮށް ދީފަ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެމްވީކޭގެ ޑިއުޓީ ފްރީ ފަޅާލިކަން އެނގުނީ އެތަނުގެ ދޮރެއްގެ ތަޅު ހަލާކުކޮށްފައި ހުއްޓައި ފެނިގެން ބެލި ބެލުމުން ކަމަށެވެ.